ޚަބަރު

ކޯވިޑް-19، ދިފާޢު: ތެއްތިރީސް ހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފި


ރާއްޖޭގައި ކޯވިޑް-19އިން ދިފާޢު ވުމަށް ދޭ ވެކްސިން ދިން މީހުންގެ ޢަދަދު ތެއްތިރީސް ހާހަށްވުރެ މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ)އިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެކަނިވެސް 5،717 މީހަކަށްވަނީ ވެކްސިންދީފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 4،609 މީހުންނާއި، އަތޮޅުތަކުން ވެކްސިންޖެހި 1،108 މީހުންނެވެ.

މިހާތަނަށް މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ ޢަދަދު 27،065އަށް އަރާއިރު، އަތޮޅުތަކުން މިހާތަނަށް 6،041 މީހަކަށް ވަނީ ވެކްސިން ދީފައެވެ. މިއާއެކީ ރާއްޖޭގައި މިހާތަނަށް ޖުމްލަ 33.106 މީހަކަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.

ރާއްޖޭގައި ކޯވިޑް ދިފާއު ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1ވަނަ ދުވަހުއެވެ. ރާއްޖޭގައި މިހާރު ދެމުންދަނީ އޮކްސްފޯޑާ އެސްޓްރާ ޒެނެކާއާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 100،000ޑޯޒް ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިންނެވެ.

ކޮވިޝީލްޑް ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޮފާމްގެ 5000 ވެކްސިން ޑޯޒްވެސް ރާއްޖެއަށްވަނީ ލިބިފައެވެ. ސަރުކާރުން ވަނީ 6 މަސް ދުވަހުގެ ތެރޭގައި، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމަށް އަމާޒު ހިފާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށްވެސް ހިލޭ ވެކްސިން ފޯރުކޮށްދޭނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ވެކްސިން ދިނުން މާލެއާއި އަތޮޅުތެރޭގެ ކުރިއަށްދާއިރު އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިގުމުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކަށާއި، 55 އަހަރުން މަތީގެ މީހުންނަށް ވަނީ ވެކްސިން ދޭން ފަށާފައެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭ ސަރަޙައްދުގެ 7 ސެންޓަރަކާއި، އަތޮޅުތަކުގެ 55 ސެންޓަރެއްގައި ދަނީކުރަމުންނެވެ.