ދުނިޔެ

ޗައިނާއިން ކޯވިޑާއި ގުޅޭ ފުރިހަމަ މައުލޫމާތެއް ނުދޭ


ކޯވިޑް-19ގެ އަސްލު ދެނެގަތުމަށް ދިރާސާތައް ކުރުމަށް ޗައިނާއަށް ދަތުރުކުރި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯގެ ވަފުދަށް ޗައިނާއިން މަޢުލޫމާތު ޙިއްޞާކޮށްފައިވާ މިންވަރާއި މެދު ކަންބޮޑުވާކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ. އިނގިރޭސިވިލާތުން އެހެން ބުނެފައި މިވަނީ އެމެރިކާއިންވެސް އެފަދަ މޭރުމަކުން ވާހަކަދައްކާފައި ވަނިކޮށެވެ.

ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގައި ބަލިމަޑުކަމުގެ ފުރަތަމަ ދުވަސްކޮޅު ބަލި ޖެހުނު މީހުންނާއި ގުޅޭ މަޢުލޫމާތުތައް ޑަބްލިއުއެޗުއޯގެ ވަފުދާއިއެކު ޙިއްޞާކުރުމަށް އެމެރިކާއިންވަނީ ޗައިނާއަށް ގޮވައިލާފައެވެ. އަދި ޑަބްލިއުއެޗުއޯއިން ކޯވިޑާއި ގުޅޭގޮތުން ހޯދާފައިވާ ހޯދުންތައް އެ ޖަމުޢިއްޔާއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ހިމަނާފައިވާ ގޮތާއި މެދު ކަންބޮޑުވާކަމަށްވެސް އެމެރިކާއިންވަނީ ބުނެފައެވެ.

އެމެރިކާގެ ވާހަކަތަކާއި ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޮމިނިކް ރާބާއި ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ އެމެރިކާއިން ޙިއްޞާކޮށްފައިވާ ކަންބޮޑުވުންތަކުގައި އިނގިރޭސިވިލާތުން ބައިވެރިވާކަމަށެވެ. އަދި ޑަބްލިއުއެޗުއޯގެ ވަފުދަށް ފުރިހަމަ އެއްބާރުލުން ޗައިނާއިން ދޭންޖެހޭކަމަށް ޤަބޫލުކުރައްވާކަމަށެވެ. އެހެންކަމުން ޑަބްލިއުއެޗުއޯއަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު ޗައިނާއިން އެ ޖަމުޢިއްޔާއާއިއެކު ޙިއްޞާކުރުމަށް އިނގިރޭސިވިލާތުން ބާރު އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ޑަބްލިއުއެޗުއޯގެ ފަރާތުން ޗައިނާއަށް ދަތުރުކުރި ވަފުދުގައި ހިމެނިވަޑައިގަންނަވާ ޖޯން ވޮޓްސަން ވިދާޅުވީ ވައިރަހާއި ގުޅޭ ރޯ ޑާޓާ ޗައިނާގެ ސަރުކާރުން އެ ވަފުދާއިއެކު ޙިއްޞާކޮށްފައިނުވާކަމަށެވެ. ނަމަވެސް ވައިރަހާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބިފައިވާކަމަށާއި، ޗައިނާއިން ފުރަތަމަ ފެނުނު ކޭސްތަކާއި ގުޅޭގޮތުން ތަފްޞީލީ މަޝްވަރާތައް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ވަފުދުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރެއްކަމުގައިވާ އޮސްޓްރޭލިއާގެ ޑޮމިނިކް ޑްވަޔާވެސްވަނީ ޑަބްލިއުއެޗުއޯގެ ވަފުދުގެ ފަރާތުން ބޭނުންވި ހުރިހާ މަޢުލޫމާތު ޗައިނާއިން ދީފައި ނުވާކަމަށް ވިދާޅުވެފައެވެ.