ވިޔަފާރި

ޖެނުއަރީމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ %12 ދަށްވެއްޖެ


މިދިޔަމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އަދަދު ދަށްވެ، ދައުލަތަށް ލިބުނު އާމްދަނީ 12 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި ޖަނަވަރީމަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 24 އިންސައްތަ ވަނީ ދަށްވެފައެވެ. 2020 ވަނަ އަހަރުގެ ޖަނަވަރީމަހު ދިވެހިރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖަނަވަރީމަހު މި ޢަދަދުވަނީ 2.9 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީމަހު 420 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީމަހު މިއަދަދު އުޅެނީ 316 މިލިއަން ރުފިޔާގައެވެ. މިއީ 25 އިންސައްތަ ދަށް އަދަދެކެވެ. މިއާއެކު، ފާއިތުވި ޖަނަވަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 12 އިންސައްތަ ވަނީ ދަށްވެފައެވެ.

2020 ވަނަ އަހަރުގެ ޖަނަވަރީ މަހު 272 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖަނަވަރީމަހު މި ޢަދަދުވަނީ 240 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވިމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޫ.އޭ.އީ، ޗައިނާ އަދި އޮމާނެވެ. ޔޫ.އޭ.އީއިން 386 މިލިއަން މުދާ އެތެރެކޮށްފައިވާއިރު ޗައިނާއިން 365 މިލިއަން ރުފިޔާގެ މުދާ އަދި އޮމާނުން 364 މިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކުރަނީ މަހުގެ ބާވަތްތަކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ. ދެން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ.