މި އަހަރު ފަހުކޮޅު ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ކަނޑުމަގުން ދަތުރުތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ބަންގްލަދޭޝްގެ ނޫސްތަކުގައިވާ ގޮތުން މި މަޝްވަރާތައް ކުރިއަށްގޮސްފައިވަނީ ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޙް ހަސީނާއާއެކު ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިރުމިޒަތު ސަމީރު ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ތަފާތު އެކި ދާއިރާތަކުން ރާއްޖެއާއި ބަންގްލަދޭޝާއި ދެމެދު ގުޅުންތައް ބަދަހިކުރުމާއި ގުޅޭގޮތުންވަނީ މަޝްވަރާކޮށްފައެވެ.
ބޮޑު ވަޒީރު ޝެއިހް ހަސީނާ ވަނީ އެޤައުމުގައި ދިވެހި ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައެވެ. އަދި އެޤައުމުގައި އުފައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް ބަންގްލަދޭޝުން ރާއްޖެއަށް އެތެރެކުރާ މިންވަރު އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ސަފީރު ޝިރުމިޒަތު ވަނީ ރާއްޖެއިން ބަންގްލަދޭޝްއާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭ މައުލޫމަތުތައް ހިއްސާކޮށްފައެވެ. އަދި ކޯވިޑްގެ ހާލަތުގައި ބަންގްލަދޭޝުން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ސަފީރުވަނީ ޝުކުރު އަދާކޮށްފައެވެ.