މިއަހަރުގެ ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުން އިޢުލާން ކުރާނީ ވަގުތީ ލިސްޓެއް އާއްމުކޮށް އެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތެއް ދިނުމަށްފަހުގައި ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ. މީ ލޯނަށް އެދޭ ދަރިވަރުންގެ ލިސްޓެއް އެކުލަވާލާ ޝަކުވާއަށް ހުޅުވާލާ ފުރަތަމަ ފަހަރެވެ. މިހާތަނަށް 300 ވުރެ ގިނަ ދަރިވަރުންނަށް ލޯނަށް އެދި ހުށައަޅާފައިވާއިރު މި ފުރުސަތު ހުޅުވާލީ މިމަހުގެ 11 ވަނަދުވަހުއެވެ.
މަތީ ތަޢުލީމާއި ތަމްރީން ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން މި ފަހަރު ހުޅުވާލި ލޯނުގެ ފިރުޞަތަކީ މިޙާތަނަށް ހުޅުވާލި އެންމެ ބޮޑު ލޯން ސްކީމެވެ. މިގޮތުން ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީނުވުމަށް ހުޅުވާލި ލޯން ސްކީމު 770 ފަރާތަކަށް ދިނުމަށް މިފަހަރު ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ކިޔަވަމުންދާ ކުދިންނަށް ޚާއްސަކޮށްފައިވާ 471 ޖާގައާއި، އަލަށް ކިޔަވަން ފަށާ ކުދިންނަށް ޚާއްސަކޮށްފައިވާ 290 ޖާގައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ ކޮންމެ އަހަރެއްގައި ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުގެ ކުރިން ނިމިދިޔަ އަހަރުގެ ތަޖުރިބާތަކަށް ބަލާ ރަނގަޅު ކުރަން ޖެހޭކަންކަން ފާހަގަކޮށް އެކަމަށް އިސްކަންދެއްވާކަމަށެވެ. އެގޮތުން ސުޓޫޑެންޓް ލޯނަކީ އެތައް ދަރިވަރުންގެ ކިޔެވުމާއި ގުޅިފައިވާ ކަމަކަށްވުމުން މި ނިޒާމަކީ ދެފުށް ފެންނަ ރައްޔިތުންގެ އިތުބާރު ހިފޭ ނިޒާމަކަށް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދާވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން މިފަހަރު ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުން ކަނޑައަޅާނީ ލޯނަށް ހުށައެޅި ކުދިންގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުންގެ ވަގުތީ ލިސްޓެއް އާއްމުކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ދިނުމަށްފަހުގައިކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ލޯނު ބޭނުންވާ ދަރިވަރުން ހުށައަޅާފައިވާ އެޕްލިކޭޝަންތައް ބެލުމަށްފަހު އާއްމުކުރާ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހަފްތާއެއްގެ މުއްދަތު ދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ފުރަތަމަ 2 ހަފްތާގައި ހުށައަޅާފައިވާ އެޕްލިކޭޝަންތައް ޗެކްކުރުމަށްފަހު މައްސަލައެއް އޮތްނަމަ އެ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް އަންގާނެ. އަދި އަލުން ސަބްމިޓް ކުރުމުގެ ފުރުޞަތެއްވެސް ލިބޭނެ. ނަމަވެސް އެންމެ ފަހު ހަފްތާގައި އެޕްލިކޭޝަންތައް ހުށައަޅައިގެން އެފަދަ ފުރުޞަތެއް ނުލިބޭނެ." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވިއެވެ.
މިފަހަރުގެ ލޯން ސްކީމުގައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ޖާގަ ހަމަޖައްސާފައެވެ. މީގެ އިތުރުން ކިޔަވާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުސަތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ތައުލީމު ހާސިލްކުރެވޭ ބައެއް ދާއިރާތަކަށް ރާއްޖެއިން ބޭރަށް ގޮސްގެން ކިޔެވުމުގެ ފުރުސަތުވެސް ލޯން ސްކީމމުން މި ފަހަރު ލިބެއެވެ. އޭގެ ތެރޭގައި ޕައިލެޓްކަމާއި އެމްބީބީއެސް ހިމެނެއެވެ. އަދި މިއަހަރުގެ ލޯން ސްކީމްގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިނަށް 20 ޖާގަ ވަނީ ހާއްސަކޮށްފައެވެ. މިފަހަރު ހުޅުވާލި ސްޓޫޑެންޓް ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ 4 ވަނަ ދުވަހުއެވެ.
މަތީ ތަޢުލީމާއި ތަމްރީންތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. ކޯވިޑާއި ގުޅިގެން އިޤްތިޞާދަށް އައި ހީނަރު ކަމުގައިވެސް ކިޔެވުމުގެ ފުރުޞަތުތައް ހުއްޓުމަކަށް އަޔަ ނުދީ ސަރުކާރުން ގެންދަވަނީ އެކަމަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވަމުންނެވެ. މިގޮތުން ސްކޮލަރޝިޕްތައް ފޯރުކޯށްދިނުމާއި ހިލޭ ޑިގްރީ ޕްރޮގްރާމަށް ދަރިވަރުންނަށް ފައިސާ ދޫކޮށްފައިވެއެވެ. މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ ލޯނުގެ އެހީގައި 1000އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން އަންނައިރު މިދިޔަ އަހަރުގެ ތެރޭގައި އެކުދިންނަށް ވަނީ 566 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.