އިންޑިއާ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކޮށް ރާއްޖެއަކީ އިންޑިއާ ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި ޤައުމެއްކަމަށް ބުނެދިނުމަށް އެމްއެމްޕީއާރުސީން އިންޑިއާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފިއެވެ.
މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިންޑިއާ މާކެޓްގައި ފުޅާދާއިރާއެއްގައި އިޝްތިހާރުކުރުމުގެ
މަޤުސަދުގައި ކުރިއަށްގެންދާ ޚަރަކާތްތަކުގެ ތެރެއިން މިއަހަރު ގެނެވުނު ފުރަތަމަ މީޑިއާ ފޭމް ޓްރިޕްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އިންޑިއާ މާކެޓްގައި ރާއްޖެ އިޝްތިހާރުކުރުމަށް މި ނޫސްވެރިން ރާއްޖެ އައިސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. މި ޓީމް ރާއްޖޭގައި މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް ތިބޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މިދަތުރުގައި ބައިވެރިވެފައި ވަނީ އިންޑިއާގެ މަޝްހޫރު ނޫސް މަޖައްލާތައް ކަމުގައިވާ ދަ ޕައިނިއާ, ސަންޑޭ ގާޑިއަން އީ.ޓީ ޓްރެވަލް ވޯލްޑް ޓީއެމް.އެމް މެގަޒިން އަދި ސްޕަޓްނިކް ނިއުސް މަޖައްލާގެ ފަސް އެޑިޓަރުންނެވެ. މި ޓީމުން ރާއްޖޭގައި ހޭދަކުރާ 5 ދުވަހުގެ ދަތުރުގައި ތިބުމަށް ހަމަޖެހިފައިވަނީ ކައި މޯލްޑިވްސް އަދި އެމަރަލްޑް މޯލްޑިވްސްގައެވެ.
މި ދަތުރުގައި ކޮންމެ ރިސޯޓަކުން ތަޖުރިބާކުރެވެން ހުންނަ ޚިދުމަތްތަކާއި ރާއްޖޭގެ ފަތުވެރިކަމާއި ބެހޭ ގޮތުން ޚަބަރުތައް ލިޔާނެއެވެ. މި މަޖައްލާތަކަކީ އިންޑިއާ މާކެޓްގައި މަޝްހޫރު އަދި ބޮޑު ސާކިއުލޭޝަނެއް ހިމެނޭ މަޖައްލާ ތަކެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި އެމްއެމްޕީއާރުސީން އަންނަނީ ތަފާތު މާކެޓިން ޚަރަކާތްތަކެއް އިންޑިއާގައި ކުރިއަށް ގެންދަމުންނެވެ. ފޭމް ޓްރިޕްތަކުގެ އިތުރުންވެސް ދަނީ އެހެނިހެން އޮންލައިން އަދި އޮފްލައިން މާކެޓިން ކެމްޕޭންތައް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި އިންޑިއާގައި ބޭއްވޭ ޓްރެވަލް ޓްރޭޑް ފެއަރތަކުގައި ބައިވެރިވެ، ރާއްޖެ އިޝްތިހާރުމާއި ވެބިނާތައް ބޭއްވުމާއި ރޯޑް ޝޯތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.
ކޯވިޑް19 އަށްފަހު އިންޑިއާ މާކެޓް އުޅެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީގައެވެ. މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެއީ ޖުމްލަ 62960 ފަތުރުވެރިންނެވެ. އަދި މިއަހަރުގެ މިހާތަނަށްވެސް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ 32970 ފަތުރުވެރިންނެވެ. އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައްވެސް މިހާރު ވަނީ އިތުރުވެފައެވެ.