ޚަބަރު

މަދަރުޞަތުލް އިފްތިތާޙުގެ އައު ޢިމާރާތް އޭޕްރީލްމަހު އެސްކޫލާ ޙަވާލުކުރާނެ


ޅ.ނައިފަރު މަދަރުޞަތުލް އިފްތިތާޙަށް އިތުރު ކުރި 3 ބުރީގެ އައު ޢިމާރާތުގެ މަސައްކަތް ނިންމައި އަންނަ އޭޕްރީލް މަހު އެސްކޫލާ ޙަވާލުކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމުގެ ގޮތުން ހަދާ މިޢިމާރާތުގައި 10 ކްލާސްރޫމާއި ސްޓާފުރޫމަކާއި އޭވީ ރޫމެއް ހިމެނެއެވެ.

ޅ.ނައިފަރު މަދަރުޞަތުލް އިފްތިތާޙަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމުގެ ގޮތުން އެސްކޫލްގައި 3 ބުރީގެ އައު ޢިމާރާތެއް ހެދުމަށް ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 2016ވަނަ އަހަރުގައެވެ.

ވެރިކަމްކުރާ މައި ޕާޓީ އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ އެ ޢިމާރާތުގެ މަސައްކަތް ނިންމަމުން އަންނަކަމަށެވެ.

މަދަރުޞަތުލް އިފްތިތާޙަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރިއަށް ގެންދާ މި މަޝްރޫއަށް 13.4 މިލިޔަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. ގްރޭޑް އެކަކުން ބާރައަށް ތައުލީމު އުގަންނައިދޭ މަދަރުޞަތުލް އިފްތިތާޙްގައި 1000އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާޞިލް ކުރަމުންގެންދެއެވެ. އަދި މި މަދުރަސާގައި މިހާރުވެސް 35 ކްލާސްރޫމް ހުރެއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ 4 ސްކޫލަށް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތައް ހިންގާނެ ފަރާތެއް ހޯދުމަށް އަންނަ މާޗްމަހު އިއުލާން ކުރައްވާނެކަމަށް ހާމަކޮށްފައެވެ. މީގެ ތެރޭގައި ޅ. އޮޅުވެލިފުށި ސްކޫލްގައި ކުރިއަށްގެންދާ މަޝްރޫއުތަކާއި ގއ.ކަނޑުހުޅުދޫގެ ސްކޫލްގައި އަޅާ އައު އިމާރާތުގެ މަސައްކަތްތަކާއި ގއ. ދެއްވަދޫ ސުކޫލްގައި އަޅާ ދެ ބުރި އިމާރާތުގެ އިތުރަށް އެ އަތޮޅު ކޮލަމާފުށި ސްކޫލްގައި ކުރިއަސްގެންދާ މަޝްރޫއު ހިމެނެއެވެ. އަދި ގއ. ދާދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް އެޅުމަށް އަންނަ އަހރުގެ ނަޖެޓުގައި ހިމަނާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަތައް ހައްލުކުރުމަށް އިތުރ ކްލާސްރޫމްތަކާއި ބޭނުންވާ އެހެނިހެން ވަޞީލަތްތައްވެސް ފޯރުކޮށްދެމުންނެވެ.