ޚަބަރު

ހިޔާ ފްލެޓްތައް އަންނަމަހު ފަހުކޮޅު ހަވާލުކުރަން ފަށަނީ


ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކަށް ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ފަށްޓަވާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫޢާ ގުޅޭ މަޢުލޫމާތުތައް ހިއްސާ ކުރައްވަމުން ހައުސިން މިނިސްޓަރ ވިދާޅުވީ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ ކުރިން އެ މިނިސްޓްރީން ނިންމަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި މި މަސައްކަތުގެ ދަށުން އެގްރީމަންޓް ހެދުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ މަހު ފަހުކޮޅު ފްލެޓްތައް ހަވާލުކުރަން ފެށިނަމަވެސް ފިނިޝިންގެ މަސައްކަތްތައް ނުކޮށް ހުރުމުގެ ސަބަބުން ފްލެޓަށް ވަދެވޭނީ ލަހުން ކަމަށެވެ. އަދި ފްލެޓަށް ވަނުމަށްޓަކައި އިތުރު ތިން މަސް ދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިތުރަށް ދޭ 3 މަސްދުވަހުގެ ތެރޭގެ އެއްވެސް އަގެއް ނުނަގާނެކަމަށާއި ފްލެޓަށް ވަނުމަށްޓަކާ ކުރަންޖެހޭ ކަންތައްތައް އަދިވެސް އެބަހުރިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ހިޔާ ފްލެޓުތައް ހަވާލުކުރާއިރު އެތަންތަނުގައި މުށިޖަހައި ބޮކި ފަންކާ ހަރުކޮށްފައެއް ނުހުންނާނެ. ކޮންމެ ބޭފުޅަކުވެސް ޖެހިވަޑައިގަންނަވާނެ އެތަނުގައި ދިރިއުޅެވޭނެ ގޮތް ހަދަން. އެކަމަށްޓަކާ ތިން މަސް އަޅުގަނޑުމެން ދޭނަން. ބައެއް މީހުން އެއްމަސްތެރޭވެސް ވަންނަ ވަރަށް ތަން ތައްޔާރުކޮށްފާނެ. އެކަމަކު ތިން މަސް ނަގާނެ ކަމަށް މި ބަލަނީ މީހުންނަށް އެތަނުގައި ދިރިއުޅެވެން ފަށަން. އެއީ އެތަން ހުރި ހާލަތުން" މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

އަންނަމަހުގެ ތެރޭ ފްލެޓްތައް ހަވާލުކުރުމުގެ ކުރިން ޕްލޭނިން މިނިސްޓްރީން ގިނަ ކަންތައްތަކެއް ބަލަންޖެހެއެވެ. މިގޮތުން ފްލެޓު ކޮމެޓީން މިނިސްޓްރީއާއި ހަވާލުކުރި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިޔާ މަޝްރޫއުގެ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނިފައިވާ ފަރާތަކީ މީގެ ކުރިން ސޯޝަލް ހައުސިން ސްކީމަކުން ފްލެޓު ލިބިފައިނުވާ މީހެއްކަން ކަށަވަރު ކުރަންޖެހެއެވެ. އަދި ދެމަފިރިންނަށް ފްލެޓު ލިބޭ ހާލަތުގައި ފްލެޓު ހަވާލުކުރަނީ އޭގެ ތެރެއިން ކޮންމެވެސް އެކަކަށް ކަން ޔަގީން ކުރުމާއި އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީން ފްލެޓު ލިބޭ ފަރާތަކީ ދަރިން ބަލާ މީހާކަން ޔަގީން ކުރަންވެސް ޖެހެއެވެ.

މީގެ އިތުރުން ފްލެޓް ހަވާލުކުރެވޭ ފަރާތަކީ މާލެއިން 600 އަކަ ފޫޓަށްވުރެ ބޮޑު ބިމެއް އޮންނަ ފަރާތެއް ނޫންކަން ކަށަވަރުކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ފްލެޓް ދޭއިރު އެ އާއިލާގައި ނުކުޅެދޭ މީހަކު އުޅޭކަން ކަށަވަރު ކުރުން ފަދަ ކަންކަންވެސް ކުރަންޖެހެއެވެ. މިކަން ކަމުގެ އިތުރަށް މިނިސްޓަރ އަސްލަމް ވިދާޅުވީ ސިވިލް ސާވިސް ކެޓަގަރީން ފްލެޓު ލިބުނު މީހުންނަކީ މިހާރުވެސް ސިވިލް ސާވިސްގެ ވަޒީފާގައި ތިބި މީހުންތޯ ޔަގީން ކުރާނެ ކަމަށާއި އޭގެ ތެރޭ ރިޓަޔަމެންޓު ނުހިމެނޭނެ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށްވެސް ހިޔާ ފްލެޓު ލިބިފައިވާ ކަމަށާއި ކުންފުނިތަކުގެ ހައުސިން މަޝްރޫޢު އިން ފްލެޓު ލިބޭ މީހުން ހިޔާ ލިސްޓުގައި ހިމެނިފައިވޭތޯ ބަލައި ކަށަވަރުކުރުމުގެ މަސައްކަތް އެ މުވައްސަސާތަކާ، ކުންފުނިތަކާ ގުޅިގެން ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މުވައްސަސާތަކަށާއި ކުންފުނިތަކަށް ލިސްޓު ފޮނުވާތާ ތިން ހަފްތާ ތެރޭ އެ މަސައްކަތް ނިންމާލެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގެ 25 ބުރީގެ 16 ޓަވަރުގެ 7000 އެޕާޓްމަންޓްގެ ތެރެއިން 6720 ފްލެޓް މީހުން ދިރިއުޅުމަށް ވަނީ ހަމަޖައްސާފައެވެ. މި ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް މިހާރު އިޢުލާންކޮށްފައިވާއިރު ފެލްޓްތަކަށް ވަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅާފައެވެ. އަދި ކަރަންޓުގެ މަސައްކަތްތައް ނިންމުމަށް މަސައްކަތްކުރަމުން އަންނައިރު ފްލެޓްތަކުގައި ސްމާޓް މީޓަރުތައް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.