ޚަބަރު

ޕްރޮފެޝަނަލް ފުޓްސެލް ލީގެއް މުހިންމު - ސޮބާ


ފުޓްބޯޅަ އާއި ފުޓްސެލް ވަކި ކުރާކަމަށްވާނަމަ، ޕްރޮފެޝަނަލް ފުޓްސެލް ލީގެއް ބާއްވަންޖެހޭކަމަށް ގައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު އަދި ގްރީން ސްޓްރީޓްސްގެ ކުރީގެ ކޯޗް ސޮބާޙު މުހައްމަދު ބުނެފިއެވެ. ފުޓްސެލް އާއި ފުޓްބޯޅައަކީ ވަރަށް ތަފާތު ދެ ކުޅިވަރެއްކަމަށާއި، ރާއްޖޭގައި މިދެ ކުޅިވަރުވެސް ކުޅެނީ އެއް ބައެއްކަން ފާހަގަކޮށްލެވެއެވެ. ފުރަތަމަ ޑިވިޝަންގެ ބައެއް ކޯޗުން މިހާރުވެސްވަނީ ފުޓްސެލް މުބާރާތްތަކަށް ކުޅުންތެރިން ދޫކުރަން ޖެހުމުން ލީގްގެ މެޗްތަކަށް އެކަމުގެ އަސުރުކުރާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފުޓްބޯޅަ ކުޅެގެން ކުޅުންތެރިންނަށް ލިބޭ އާމްދަނީ މަދުވުން، ފުޓްސެލްއަށް ބައެއް ފަހަރު ކުލަބްތަކުން ދޫކުރަންޖެހޭކަމަށާއި އަދި ބައެއް ފަހަރު ފުޓްސެލް މުބާރާތުގެ ސަބަބުން ބައެއް ކުޅުންތެރިންނަށް އަނިޔާވެ، ލީގްގެ ގިނަ މެޗްތަކެއް ގެއްލުމުގެ ސަބަބުން، ކުލަބްތަކަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާކަމަށް ފުރަތަމަ ޑުވިޝަންގެ ކޯޗުންވަނީ ބުނެފައެވެ. ގައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދު ޕީއެސްއެމްގެ ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ބުނީ ރާއްޖޭގައި ވަރަށް މަދު ރަށެއް ނޫން އެހެން ހުރިތާ ރަށެއްގައި ފުޓްސެލް ދަނޑުތައް މިހާރު އަޅާފައިވާއިރު، ފުޓްބޯޅަ އާއި ފުޓްސެލް ވަކިކުރާކަމަށްވާނަމަ، ފުޓްސެލްއަށްވެސް ޕްރޮފެޝަނަލް ލީގެއް ތަޢާރަފް ކުރަންޖެހޭކަމަށެވެ. އަދި މިކަމަށް ހާއްސަ ގަވާއިދުތަކެއް ހަދައިގެން ވަކި އުސޫލެއްގެ ދަށުން ކަންތައްތައް ކުރިއަށް ނުގެންދާނަމަ، ފުޓްބޯޅަ އާއި ފުޓްސެލް ވަކިކުރުމަކީ ވަރަށް އުނދަގުވާނެކަމެއްކަމަށް ސޮބާހު މުހައްމަދު ބުންޏެވެ.