ފަތުރުވެރިންގެ މެދުގައި އިންސްޓަގްރާމްކުރަން ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލަކަށް ރާއްޖެ ހޮވިއްޖެއެވެ.
މި ލިސްޓުގެ 1 ވަނައިގައި ރާއްޖެ ހިމެނިފައިވަނީ ދުނިޔޭގައި ފަތުރުވެރިންގެ މެދުގައި މަޤްބޫލު ބައެއް އެހެން މަންޒިލްތަކާއި ވާދަކޮށްގެންނެވެ.
ލަގޭޖް ޝިޕިންގެ ޙިދުމަތްދެމުން އަންނަ ދުނިޔޭގައި މަޝްހޫރު "މައި ބެގޭޖް"ގެ ޓްރެވެލް އެކްސްޕާޓުން ކުރި ދިރާސާއަކުން ދައްކާގޮތުގައި "ހޭޝްޓެގް މޯލްޑިވްސް" ޖަހައި 9 މިލިއަނާއި ގާތްކުރާ އަދަދަކަށް އިންސްޓަގްރާމްގައި ރާއްޖެ ވަނީ ޓެގްކޮށްފައެވެ.
އިންސްޓަގްރާމަށް ދުވާލެއްގެ މައްޗަށް 95 މިލިއަން ފޮޓޯ އަޕްލޯޑްކުރެއެވެ. "މައި ބެގޭޖް" ގެ ދިރާސާގައި ބުނެފައިވަނީ ރާއްޖެ ލިސްޓުގެ 1 ވަނައަށް އައިސްފައިވަނީ 8.8 މިލިއަން ހޭޝްޓެގާއެކުކަމަށެވެ. މިއީ ދުނިޔޭގެ އެހެން ފަތުރުވެރިކަމުގެ މަންޒިލްތަކާއި އަޅާބަލާއިރު ގިނަ އަދަދެއްކަން "މައި ބެގޭޖް" އިން ވަނީ ފާހަގަކޮށްފައެވެ.
ކޯވިޑް19 އާއިއެކު ޗުއްޓީ ހޭދަކުރަން މަޤްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިހާރު ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ފަރާތްތަކުންވެސް ރާއްޖެއަށް ޗުއްޓީހޭދަކުރަން އަންނަކަން މައި ބެގޭޖްއިން ވަނީ ފާހަގަކޮށްފައެވެ. މުޅި ދުނިޔޭންވެސް ފަތުރުވެރިންގެ މެދުގައި އިންސްޓަގްރާމްކުރަން އެންމެ މަޤްބޫލު މަންޒިލަކަށް ރާއްޖެ ހޮވިފައިވަނީ އެ ސަބަބާއި ހުރެކަމަށް އެމީހުން ވަނީ ބުނެފައެވެ.
ރާއްޖެއާއި ވާދަކޮށް އިންސްޓަގްރާމްގައި 2 ވަނައަށް ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު ތަނަކަށް ހޮވިފައިވަނީ ފްރާންސްގެ "އައިފިލް ޓަވަރ" އެވެ. ނަމަވެސް އައިފިލް ޓަރަވ އަށް ލިބިފައިވަނީ 6.5 މިލިއަން ހޭޝްޓެގްއެވެ. މިއީ ރާއްޖެއާއި އަޅާބަލާއިރު 2.3 މިލިއަން ދަށްއަދަދެކެވެ.
ލިސްޓުގެ 3 ވަނައިގައި އުޅެނީ ނިއުޔޯކްގެ ޓައިމްސް ސްކޮއާއެވެ. އެތަނަށް ލިބިފައިވަނީ 4.4 މިލިއަން ހޭޝްޓެގްއެވެ.
ޓްރެވެލް ބެގޭޖްއިން ކުރި ދިރާސާއިން ހޮވިފައިވާ ފަތުރުވެރިންގެ މެދުގައި އިންސްޓަގްރާމްކުރަން އެންމެ މަޤްބޫލު 5 މަންޒިލް:
1. ދިވެރިރާއްޖެ – 8.8 މިލިއަން ހޭސްޓެގް
2. އައިފިލް ޓަވަރ – 6.5 މިލިއަން ހޭސްޓެގް
3. ޓައިމްސް ސްކޮއަރ – 4.4 މިލިއަން ހޭސްޓެގް
4. ގްރޭންޑް ކެންޔަން – 3.8 މިލިއަން ހޭސްޓެގް
5. ބްރޯކްލިން ބްރިޖް – 3.3 މިލިއަން ހޭސްޓެގް
ރާއްޖެއަކީ އަބަދުވެސް ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ޙާއްސަކޮށް ކޯވިޑް19 އާއިއެކު ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔޭގައި ވަނީ މަޝްހޫރުވެފައެވެ. ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ ފަތުރުވެރިކަން ފަށާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކުއެވެ. އަދި ރާއްޖެ އުފެދިފައިވާގޮތުން ރާއްޖެއަކީ މިވަގުތުވެސް ދަތުރުކުރަން ރައްކާތެރި މަންޒިލެއްކަން އެމްއެމްޕީއާރުސީން އަންނަނީ މުޅި ދުނިޔެއަށް ބުނެދެމުންނެވެ.
މިދިޔަ އަހަރު ރާއްޖެއަށް ވަނީ ވޯލްޑް ޓްރެވެލް އެވޯޑްސްގެ "ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑް ފުރަތަމަ ފަހަރަށް ލިބިފައެވެ. މި އެވޯޑް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު 22 މަންޒިލަކާއި ވާދަކޮށްގެންނެވެ. ކޯވިޑްގެ ހާލަތުގައި މިފަދަ އެވޯޑެއް ރާއްޖެއަށް ލިބުމަކީވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ލިބުނު ރަނުގެ ފުރުސަތެއްކަމަށް ދާއިރާގެ ފަރާތްތަކުން ވަނީ ބުނެފައެވެ.
ބޯޑަރު އަލުން ހުޅުވާލުމާއިއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 176000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.