ރާއްޖޭގައި ހިނގާ ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުންނަށް އިތުރު ފަސޭޙަތަކެއް ލިބިދޭ ގޮތަށް "ދިވެހިރާއްޖޭގައި ޓޫރިޒަމާއި ގުޅުންހުރި ދަތުރު ރަވައި، ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ޤަވާއިދު" ގެޒެޓްކޮށްފިއެވެ.
ދިވެހިރާއްޖޭގައި ޓޫރިޒަމާއި ގުޅުންހުރި ދަތުރު ރަވައި، ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ޤަވާއިދަކީ މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެކުލަވާލާފައިވާ ޤަވާއިދެކެވެ.
ދިވެހިރާއްޖޭގައި ޓޫރިޒަމާއި ގުޅުންހުރި ދަތުރު ރަވައި، ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ޤަވާއިދަށް އިސްލާހުތަކެއް ގެނެސް އަލުން ގެޒެޓްކޮށްފައިވާއިރު، ޤަވާއިދަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޤަވާއިދުގައި ކުރިން އޮތްގޮތުން ޓޫރިޒަމާއި ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭންޖެހޭނީ އެކަމަށްޓަކައި ވަކިން އޮފީހެއް ހަދައިގެނެވެ. އަދި އޮފީސް ހުންނަންޖެހޭ ގޮތާއި، އޮފީހުގެ ކުޑަބޮޑުމިންވެސް ކުރީގެ ޤަވާއިދުގައި އޮތީ ބަޔާންކޮށްފައެވެ.
ޓުއަރިޒަމް މިނިސްޓްރީން މިޤަވާއިދަށް ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ އޮފީހާއި ގުޅޭގޮތުން ޤަވާއިދުގައި ބުނާ މާއްދާތައް އުނިކުރުމެވެ. ޤަވާއިދު މިހާރު އޮތް ގޮތުން ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުންގެ މަސައްކަތްތަކަށް ވަކިން އޮފީހެއް ހުންނާކަށް ނުޖެހެއެވެ.
އަލަށް ގެޒެޓްކުރެވުނު ޤަވާއިދުގައި ބުނާގޮތުން އެއަރޕޯޓު ރެޕުންގެ ގޮތުގައި ހަރަކާތްތެރިވާން ޖެހޭނީ އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އެނގޭ ދިވެހީންނެވެ. އަދި އެއަރޕޯޓް ރެޕުންގެ ގޮތުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނީ މިނިސްޓްރީގެ ހުއްދައާއެކުކަމަށްވެސް ޤަވާއިދުގައި ބުނެފައިވެއެވެ. މީގެއިތުރުން އެއަރޕޯޓުގައި ރެޕުން ހަރަކާތްތެރިވާން ޖެހޭނީ އެފަރާތެއް މަސައްކަތްކުރާ ތަން ތަމްޒުކޮށްދޭ ޙާއްސަ ޔުނީފޯމެއްގައިކަމަށްވެސް މިޤަވާއިދުގައި ބުނެއެވެ.
މިޤަވާއިދު ކުރިން އޮތްގޮތުން ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތަކުގެ ރެޕްރެޒެންޓޭޓިވް އޮފީސްތައް ރާއްޖޭގައި ހުޅުވުމުގެ ހުއްދަ އޮތްނަމަވެސް، އަލަށް ގެޒެޓްކުރެވުނު ޤަވާއިދުގެ ދަށުން އެފަދަ އޮފީސްތައް ހުޅުވޭނީ މިނިސްޓްރީން ހުއްދަ ނަގައިގެން، ރާއްޖޭގެ ޓްރެވަލް އެޖެންސީއެއް ނުވަތަ ޓުއަރ އޮޕަރޭޓަރަކާ ގުޅިގެނެވެ.
ރާއްޖޭގައި ހިނގާ ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުންނަށް އިތުރު ފަސޭޙަތަކެއް ލިބިދޭ ގޮތަށް "ދިވެހިރާއްޖޭގައި ޓޫރިޒަމާއި ގުޅުންހުރި ދަތުރު ރަވައި، ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ޤަވާއިދު" ގެޒެޓްކޮށްފައިވާއިރު، ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޙާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ދަނީ ކުރައްވަމުންނެވެ.