ޚަބަރު

ދ.މީދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށްފި


  • 18 ރަށުގައި އެފްއެސްއެމް ފިއުލް ސްޓޭޝަން ގާއިމުކުރާނެ

ދ. މީދޫގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

މިއީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އެސްޓީއޯއާއި އެފްއެސްއެމް ގުޅިގެން ކުރަމުންދާ މަސައްކަތެކެވެ.

ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ހެދުމުގެ މަޝްރޫޢު އިފްތިތާހްކުރީ 2024ވަނަ އަހަރުގެ ނޮވެންބަރު މަސްތެރޭގައެވެ. މި މަޝްރޫޢަކީ، މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ. އަދި މި މަސައްކަތުގެ ދަށުން މިހާރު މިވަނީ ދ. މީދޫގައި ފިއުލް ސްޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައެވެ.

ގިނަ އަތޮޅުތަކުގައި ތެޔޮ ފޯރުކޮށްދެނީ އަމިއްލަ ފަރާތްތަކުންނެވެ. އޭގެ ސަބަބުން ތެޔޮ ގަންނަން ލިބެނީ އާއްމު ރޭޓަށްވުރެ އަގު ބޮޑުކޮށެވެ. މިކަން ޙައްލު ކޮށްދެއްވުމަށް ސަރުކާރުން ނިންމެވީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފިއުލް ސްޓޭޝަންތަކެއް ޤާއިމްކުރުމަށެވެ.

މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގެ ރަށްރަށުންވެސް ހެޔޮ އަގުގައި ތެޔޮ ނުލިބުމަކީ ރައްޔިތުންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ސަރުކާރުން ފަށަފައިވާ މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންގެ މި ކަންބޮޑުވުމަށް ކޮންމެވެސްވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.