ޚަބަރު

ހުޅުމާލެ 2ވަނަ ފިޔަވަހީގައި "ފައިބަރ ކޭބަލް" އެޅުމުގެ މަސައްކަތް ފަށައިފި


ހުޅުމާލޭގެ ދެވަނަ ފިޔަވހީގައި އަޅާފައިވާ ހިޔާ ފުލެޓްތަކަށް ބޭނުންވާ މުވާޞަލާތީ ޚިދުމަތްތައް ގުޅުމަށްޓަކައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވީ "އޯޕަން އެކްސެސް ނެޓްވޯކް" ޚިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަޙައްދުގެ މަސައްކަތްތަކަށް ބޭނުންވާ ޕެސިވް ކޮމްޕޯނަންޓްގެ ވަޞީލަތްތައް މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ގެނެސްފައިވާކަމަށެވެ. އަދި ޕެސިވް ކޮމްޕޯނަންޓްގެ ފުރަތަަމަ ފިޔަވަހީގެ ދަށުން މިކަމަށް ބޭނުންވާ ޑަކްޓްގެ މަސައްކަތްތައް ނިމި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. އެޗްޑީސީން ވިދާޅުވީ ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް އަންނަ މަހަށް ނިނުމުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މި މަސައްކަތް ފުރިހަމަވުމުން ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުުމުގެ ކުރިން މި ޔުނިޓްތަކަށް ބޭނުންވާ ހުރިހާ މުވާޞަލާތީ ޙިދުމަތްތަކެއް އެއް ނެޓްވޯކަކުން ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އޯޕަން އެކްސެސް ނެޓްވޯކްގެ ދަށުން މުޅި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތެއް މުވާޞަލާތީ ވިއުގާއަކުން ގުޅާލުމަށްޓަކައި މައިގަނޑު އެއް އިންފްރާސްޓްރަކްޗަރ ޤާއިމުކުރެވިގެންދާނެއެވެ. އަދި މި ނެޓްވޯކްގެ ސަބަބަބުން މިހާރު މުވާޞަލާތީ އެކި ޙިދުމަތްތައް ދެމުންދާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބި ޙިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހުޅުމާލެ އަކީ ޒަމާނީ ވަޝީލަތްތަކާއި އެކު ދިރިއުޅެން ފަސޭހަ އަވަށަކަށް ހެދުމެވެ.

އޯޕަން އެކްސެސް ނެޓްވޯކަކީ އިންޓަރނެޓް މެދުވެރިކޮށް ލިބެންޖެހޭ ހުރިހައި ޚިދުމަތްތަކެއް ޢާއްމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތެއް ހެދުމަށްޓަކައި ހުޅުމާލެ ފޭސް 2ގައި ޤާއިމްކުރާ ނެޓްވޯކެވެ. އޯޕަން އެކްސެސް ނެޓްވޯކަކީ ހުޅުމާލޭގެ "ސްމާޓް ސިޓީ" މަޝްރޫއުގެ މައިގަނޑު ބިންގާކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އެގޮތުން "އޯޕަން އެކްސެސް ނެޓްވޯކް"ގެ ބިޒްނަސް މޮޑެލްގައި މުޅި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ ޢިމާރާތްތައް އެއް ވިއުގައަކުން ގުޅާލުމަށްޓަކައި މައިގަނޑު އެއް އިންފްރާސްޓްރަކްޗަރުގައި ޤާއިމްކުރެވިގެންދާނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.

މީގެ އިތުރުން މި ނެޓްވޯކްގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަމަށް ކަށަވަރު ކުރުމަށްޓަކައި ޒަމާނީ ވަޞީލަތްތައް ބޭނުންކުރުމާއި، އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ އިތުރަށް އޮންލައިންކޮށް ތަޢުލީމް ހާސިލްކުރުން ފަދަ ކަންކަން ފުޅާދާއިރާއެއްގައި ތަނަވެސްވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެފައިވެއެވެ.