ވިޔަފާރި

ވެލާ ރިސޯޓްގެ ކޮންމެ މުވައްޒަފަކަށް ސަރވިސް ޗާޖުގެ ގޮތުގައި 47108 ރުފިޔާ


މި ނިމުނު ފެބްރުއަރީމަހު ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓްގެ ކޮންމެ މުވައްޒަފަކަށް ސަރވިސް ޗާޖުގެ ގޮތުގައި 3055 ޑޮލަރު ބަހައިފިއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 47،108 ރުފިޔާއެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ މަހު އެންމެ ބޮޑު ސަރވިސް ޗާޖެއް ދިން ރިސޯޓެވެ.

އެންމެ މަތީ ފަންތީގެ ޚިދުމަތްދޭ ވެލާ ޕްރައިވެޓް އައިލެންޑަކީ އަބަދުވެސް ރަނގަޅު ސަރވިސް ޗާޖެއް ބަހާ ރިސޯޓެކެވެ. އެގޮތުން ޖެނުއަރީމަހުވެސް އެ ރިސޯޓުންވަނީ ސަރވިސް ޗާޖުގެ ގޮތުގައި ބައިލައްކައަށް ވުރެ ބޮޑު އަދަދެއް ބަހާފައެވެ. އެގޮތުން ޖެނުއަރީމަހު އެރިސޯޓުން ސަރވިސް ޗާޖުގެ ގޮތުގައި ބަހާފައިވަނީ މީހަކަށް 4079 ޑޮލަރެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 62898 ރުފިޔާއެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރިސޯޓް ވޯކާސް އިން ނެރޭ މި މައުލޫމާތުތަކުން ދައްކާގޮތުން މިދިޔަ މަހު ގިނަ ރިސޯޓްތަކުން ސަރވިސް ޗާޖުގެ ގޮތުގައި ދީފައިވާ 1000 ޑޮލަރަށް ވުރެ ދަށް އަދަދުތަކެކެވެ.

1000 ޑޮލަރަށްވުރެ ބޮޑު ސަރވިސް ޗާޖެއް ދީފައިވާ ރިސޯޓްތަކުގެ ތެރޭގައި ސޮނޭވާ ފުށި، ސޮނޭވާ ޖަރނީ، ފޯރ ސީސަންސް ރިސޯޓްސް ފާހަގަކޮށްލެވެއެވެ. އެގޮތުން ސޮނޭވާ ފުށި އަދި ސޮނޭވާ ޖަރނީ ރިސޯޓުންވަނީ މިދިޔަމަހު ސަރވިސް ޗާޖުގެ ގޮތުގައި 1555 ޑޮލަރު ބަހާފައެވެ. މިއީ 23978 ރުފިޔާއެވެ. އަދި ފޯރ ސީސަންސް ރިސޯޓްސްއިން ވަނީ 1531 ޑޮލަރު ސަރވިސް ޗާޖުގެ ގޮތުގައި ބަހާފައެވެ. މިއީ 23608 ރުފިޔާއެވެ.

ސަރވިސް ޗާޖުގެ ގޮތުގައި ބައެއް ރިސޯޓްތަކުން މުވައްޒަފުންނަށް ރަނގަޅު އަދަދެއްގެ އާމްދަނީއެއް ދެމުންދާއިރު، ބައެއް ރިސޯޓްތަކުން ސަރވިސް ޗާޖު ނުދޭ މައްސަލައަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ފާހަގަކުރާ މައްސަލައެކެވެ. ނަމަވެސް ރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނުން ވަނީ ސަރވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ މުވައްޒަފުންނަށް ދިނުމަށް ލާޒިމްކޮށްފައެވެ.