ވިޔަފާރި

ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ %0.29 ފަތުރުވެރިން


މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ %0.29 ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއީ ޖުމްލަ 575 ފަތުރުވެރިންނެވެ.

ރާއްޖެއަންނަ ފަތުރުވެރިންގެ ތެރެއިން ކޯވިޑަށް ޕޮޒިވިޓްވާ އަދަދު ދަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން މިމަހުގެ 3 ވަނަ ދުވަހަށް ރާއްޖެއަށް 198،116 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެތެރެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 575 ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެފައެވެ.

ޕޮޒިޓިވްވި ފަތުރުވެރިންގެ ތެރެއިން މިހާތަނަށް %0.27 ފަތުރުވެރިން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ބަލި ޖެހިފައިވާ ފަތުރުވެރިންގެ ޖުމްލަ އަދަދަކީ %0.08 ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އެއީ ޖުމްލަ 75 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޯވިޑަށް ޓެސްޓްކުރަން ރާއްޖޭގައި އެވްރެޖްކޮށް ދުވާލަކު 5،781 ސާމްޕަލް ނަގައެވެ. މީގެތެރޭގައި ޓޫރިސްޓުން އެނބުރި ގައުމަށް ދިއުމުގެ ކުރިން ހަދަންޖެހޭ ކޯވިޑް ޓެސްޓަށް ދުވާލަކު 1،519 ސާމްޕަލް ނަގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް އެއްމަހެއްގައި އެންމެ މަދުން ފަތުރުވެރިން ޕޮޒިޓިވްވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ. އެމަހު ޕޮޒިޓިވްވެފައިވަނީ %0.07 ފަތުރުވެރިންނެވެ. އެއީ ޖުމްލަ 67 ފަތުރުވެރިންނެވެ. ޑިސެމްބަރު މަހު ރާއްޖެއަށް ޖުމްލަ 96412 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.