ފަތުރުވެރިކަން ރަނގަޅުވެ ކަޅު ބަޒާރުގައި ޑޮލަރުގެ އަގު ދަށްވަމުން ދިޔުމަށްފަހު، އަނެއްކާވެސް އަގުތައް އުފުލެން ފަށައިފިއެވެ.
ރާއްޖޭގެ ޑޮލަރުގެ ތާށިކަމެއް އުޅުމަށްފަހު މިދޭތެރެއިން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ ޑޮލަރެއް 16 ރުފިޔާއަށެވެ. އެހެން ނަމަވެސް މިހާރު ޑޮލަރެއްގެ އަގު ވަނީ 17 ރުފިޔާއަށް އަރާފައެވެ. އަގު މައްޗަށް ޖެހިލާފައިވާއިރު، ޑޮލަރު ގަނެ ވިއްކާ ފަރާތްތަކުން ބުނަނީ ކުރިއަށް އޮތްތާނގައި އަގު މިއަށްވުރެ މައްޗަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.ސަބަބަކީ މިހާރު އަނެއްކާވެސް ޑޮލަރު ލިބުމުން ދަތިވުންކަމަށް އެފަރާތްތަކުން ބުނެއެވެ.
ރާއްޖޭގެ ރަސްމީ ޑޮލަރުގެ ރޭޓަކީ 15.42 ރުފިޔާއެވެ. ކޯވިޑާއި ގުޅިގެން މިދިޔަ އަހަރުތެރޭ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ރިސޯޓުތަކުގެ ހިންގުންތައް ހުއްޓުމަކަށް އައުމުން ޑޮލަރުގެ ކަޅު ބާޒާރުތައް އުފެދި، ޑޮލަރުގެ އަގުތައް އުފުލިގެން ދިޔައެވެ. އެގޮތުން ޑޮލަރެއް 20 ރުފިޔާއަށްވެސް ވިއްކާފައިވެއެވެ. އެހެން ނަމަވެސް ރާއޖޭގެ ބޯޑަރުތައް ހުޅުވާލާ ރިސޯޓްތައް އަލުން ހުޅުވާލަން ފެށުމާއެކު ޑޮލަރުގެ އަގުތަކަށްވެސް އޭގެ ހެޔޮ އަސަރުތައް ކުރަން ފެށިއެވެ.
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ އެމްއެމްއޭއިން ދަނީ ރާއްޖޭގައި ޑޮލަރުގެ ރޭޓް އެއް ހަމައެއްގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދުގައި ދައުރުވާ ޑޮލަރުގެ މިންވަރުދަށްވަމުން، ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރެވޭނެ މަގު ފަހި ކޮށްދިނުމަށް ބޭންކުތަކަށް އެމްއެމްއޭއިން ދޫކުރާ ޑޮލަރުގެ މިންވަރުވަނީ އެތައް ފަހަރެއްގެ މަތިން އިތުރުކޮށްފައެވެ.
އެމްއެމްއޭއިން ލަފާކުރާގޮތުގައި ކުރިއަށް އޮތްތާނގައި ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިތުރަށް ދަށްވެގެންދާނެއެވެ. ސަބަބަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުންދިޔުމެވެ.
އިޤްތިސާދު ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާގޮތުން ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރުގައި އަގުތައް ކޮންޓްރޯލްކުރަމުންދަނީ ވަކި ބަޔަކު އިސްކޮށް ތިބެގެންނެވެ. އިޤްތިސާދުގައި ދައުރުވާ ޑޮލަރު އިތުރުވަމުން ދިޔަ ނަމަވެސް އަގުތައް ތިރިވިޔަނުދީ ހިފެހެއްޓުމަށް މި ވިޔަފާރިން ފައިދާ ހޯދާ ފަރާތްތަކުން މަސައްކަތްކުރަމުންދާކަމަށް އިޤްތިސާދު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޑޮލަރު ހޯދުމަށް ހުރި ދަތިތަކަށް ހައްލު ހޯދާ، ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިއަހަރުގެ ރައްޔިތުންގެ މަޖްލިސް ފެށުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައެވެ.
ރައީސް ޞާލިޙު ވަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ޑޮލަރު ލިބުނުނަމަވެސް ވިޔަފާރިތަކަށާ، ޢާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރިކަން ފާހަގަކުރައްވާ، ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުކުރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ސަރުކާރުން ކުރަންޖެހިފައި އޮތް ކަމެއްކަމަށް ވިދާޅުވެފައެވެ.