ޚަބަރު

ބޮޑުފުޅަދޫ ޞިއްޙީ މަރުކަޒު ތަރައްޤީ ކުރުމަށް ޖަޕާނު ސަރުކާރުގެ އެހީ


ޖަޕާން ސަރުކާރުގެ "ގްރާސް ރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް" (ޖީޖީޕީ)ގެ ދަށުން، އއ.ބޮޑުފުޅަދޫ ޞިއްޙީ މަރުކަޒު ތަރައްޤީ ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއީއާއި މި ޕްރޮޖެކްޓް ހިންގުމަށް ކަނޑައަޅާފައިވާ ބޮޑުފުޅަދޫ އެސޯސިއޭޝަން ފޮރ އެވެއަރނަސް، ރެކްރިއޭޝަން އެންޑް ޔުނިޓީ (އާރު) ގެ ރައީސް އާދަމް ރިޔާޒެވެ.

ބޮޑުފުޅަދޫ ހެލްތު ސެންޓަރ ތަރައްޤީ ކުރުމަށްޓަކައި 1.8 މިލިއަން ދިވެހި ރުފިޔާގެ އެހީތެރިކަން ޖަޕާން ސަރުކާރުން ފޯރުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ ދަށުން ބޮޑުފުޅަދޫ ޞިއްޙީ މަރުކަޒުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި، މައިންނާއި ކުޑަކުދިންނަށް ދެވޭ ޚިދުމަތްތަކާއި، ލެބޯޓްރީގެ ބައެއް ޚިދުމަތްތައް ތަރައްޤީ ކުރާނެކަމަށް ހެލްތް މިނިސްތްރީން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޞަފިއްޔާ މުޙައްމަދު ސަޢީދު ވަނީ ޖަޕާނު ސަރުކާރުން ފޯރުކޮށްދެއްވި އެހީތެރިކަމަށްޓަކައި އެޤައުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ޖަޕާނު ސަރުކާރުން މެދު ނުކެނޑި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ފޯރުކޮށްދެއްވަމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި، ކުރިއަށް އޮތް މުސްތަޤްބަލްގައިވެސް މިފަދަ އެހީތެރިކަން ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ޖަޕާން ސަރުކާރުން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ޞިއްޙީދާއިރާއަށް ބޭނުންވާ މެޑިކަލް އާލަތްތައް އެކިފަހަރު މަތިން ފޯރުކޮށްދެއްވާފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި، މިހާތަނަށް 111 މިލިއަން ރުފިޔާގެ ތަކެތި ވަނީ ހަދިޔާކޮށްފައެވެ. އަދި 2019ވަނަ އަހަރު 41 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިފައިވެއެވެ. 2017ވަނަ އަހަރު ވަނީ 14 މިލިއަން ރުފިޔާގެ އެހީތެރިކަން ޞިއްޙީދާއިރާއަށް ފޯރުކޮށްދީފައެވެ.