ޚަބަރު

އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހަދާނެ ބަޔަކު ހޯދަނީ


ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީ ކޮށްދޭނެ ބަޔަކު ހޯދުމަށް އިކޮނަމިކް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

އިކޮނަމިކް މިނިސްޓްރީން ވަނީ އުތުރުގައި ބައިނަލްއަޤްވާމީ ކޮންޓެއިނަރ ޓްރާންޝިޕްމަންޓް ބަނދަރެއް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލުން ތަރައްޤީކުރުމަށްޓަކައި މިކަމަށް ޝައުގެވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގައެވެ. އިކޮނަމިކް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތުފާލަމެއް ޤާއިމްކުރުމަށް ރާވާފައިވާކަމަށެވެ. އަދި އަހަރަކު 1.8 މިލިޔަން ކޮންޓެއިނަރު ހެންޑްލް ކުރުމުގެ ކެޕޭސިޓީ ޤާއިމްކުރުމަށް އަމާޒު ހިފާފައިވާކަމަށާއި މި މަޝްރޫއުއަށް 466 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ.

ޓްރާންޝިޕްމެންޓް ބަނދަރު ތަރައްޤީކުރުމަށް ރޭވިފައިވާ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިން ރޫޓްތަކާއި ވަރަށް ކައިރި ސަރަޙައްދެކެވެ. އެހެންކަމުން މި ސަރަޙައްދަކީ މިފަދަ ބަނދަރެއް ޤާއިމްކުރުމަށް އެކަށީގެންވާ ސަރަޙައްދެއްކަމުގައި މިކަމާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުން ދައްކާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އިކޮނަމިކް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުއަކީ ދުނިޔޭގެ ބޮޑެތި ކޮންޓެއިނަރ ޓަރމިނަލް އޮޕަރޭޓަރުންނާއި ޝިޕިން ލައިންތަކުން ދެކުނު އޭޝިއާ ސަރަޙައްދުގައި އެ ފަރާތްތަކުގެ އޮޕަރޭޝަންތައް ފުޅާކުރުމަށާއި މި ސަރަހައްދުގެ އެހެނިހެން ޓްރާންޝިޕްމަންޓް ބަނދަރުތަކާ ވާދަކުރުމަށް ހުޅުވިގެންދާ ފުރުޞަތެއްކަމަށެވެ.

މި މަޝްރޫއު ކާމިޔާބުކަމާއެކީ ތަންފީޒްކުރެވިއްޖެނަމަ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށާއި އިޤްތިޞާދީ ތަރައްޤީ ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ ވަރުގަދަ ހަބެއް ޤާއިމްކުރެވިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރަށް ތަފާތު އެހެނިހެން ސިނާއަތްތައް ފުޅާކުރުމަށް ފުރުޞަތު ހުޅުވި އެތައް ދިވެހިންނަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެތީވެ މިމަޝްރޫއު ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ.