ޚަބަރު

ވެކްސިން ފުރަތަމަ ޑޯޒް ދެން ފަށާނީ ހޮނިހިރުގައި، ދޭނީ ޚާއްސަ ކެޓަގަރީގެ މީހުންނަށް


15 މާރިޗު، 2021:މިއަދަކީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގެ ފަހުދުވަސްކަމުން އެތައް ބަޔަކު ނުކުމެ ވަނީ ދިގު ކިއުތައް ހަދާލާފައި. ވެކްސިންޖަހަން ޖެހޭ އާބާދީގެ 49 އިންސައްތަ މީހުންވަނީ ވެކްސިން ޖަހާފައި. ވެކްސިން ޖަހަން ނިކުތް ބިދޭސީންނާއި ދިވެހިން ހިމެނޭ ދިގު ކިއުތަކުގައި އެކަކު އަނެކަކާއި ޖެހިގެން ފިތި ގައިދުރުކަމެއް ރައްކާތެރިކަމެއް ނެތުމުން ފާޑުކިޔުންތައް ވަނީ އަމާޒުވެފައި.- ފޮޓޯ: އަލީ ނަސީރު / ޕީއެސްއެމް ނިއުސް

ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން މެދުކަނޑާލުމަށް ފަހު، ވެކްސިން ދޭންޖެހޭ ޚާއްސަ ކެޓަގަރީގެ މީހުންނަށް ފުރަތަމަ ޑޯޒު ދޭން ދެން ފަށާނީ އަންނަ ހޮނިހިރު ދުވަހުކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައިފިއެވެ.

ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު މާލެ ސަރަހައްދުގައި އާންމުކޮށް ދިނުން މިއަދަށް ވަނީ މެދުކަނޑާލައިފައެވެ.
ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ އާންމުންނަށް ވެކްސިންގެ ފުރަތަމަ ދޯޒް ދިނުން މެދުކނަޑާލިނަމަވެސް ޚާއްސަ ކެޓަގަރީތަކުގައި ހިމެނޭ މީހުންނަށް މިމަހުގެ 20ވަނަ ދުވަހުން ފެށިގެން ވެކްސިން ޖަހަން ފަށާނެކަމަށެވެ.

ޚާއްސަ ކެޓަގަރީގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުން، ބޮޑެތި ބަލިތަކުގައި އުޅޭ މީހުން، ކޮވިޑަށް ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުނެވެ. މީގެ އިތުރަށް ކޮންޓެކްޓަށްވެ ކަރަންޓީނުގައި ތިބި މީހުންނާއި ރާއްޖެއިން ބޭރުން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނަށްވެސް މިމަހުގެ 20ގެ ފަހުން ވެކްސިން ޖެހޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި، މާލެއިން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނާއި ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންންވެސް ވެކްސިން ދޭގޮތަށް ވަނީ ނިންމާފައެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ދޯޒް ޖަހައިދޭ އެންމެ ފަހު ދުވަހަކީ މިމަހުގެ 15 ވަނަ ދުވަސްގެ ގޮތުގައި ހަމަޖެެއްސުމުން ވޭތުވެދިޔަ ދެތިން ދުވަހު ވެކސިން ޖެހުމަށްޓަކައި ގިނަ އދަދެއްގެ މީހުން ވެކްސިން ސެންޓަރުތަކުގައި ކިއު ހަދާދފައިވެއެވެ. ރާއްޖޭގައި މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.