ކެފޭ/ރެސްޓޯރަންޓްތަކުން ރޭގަނޑު 10:30 ވަންދެން ޚިދުމަތްދެވޭ ގޮތް ހަދައިފިއެެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މާލެ ސަރަޙައްދުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން ރޭގަނޑު 10:30އާ ހަމައަށް ޚިދުމަތް ދެވޭނެކަމަށެވެ.
ކެފޭ/ރެސްޓޯރަންޓްތަކުން ރޭގަނޑު 10:30އާ ހަމައަށް ޚިދުމަތް ދެވޭ ގޮތަށް އެޗްޕީއޭގެ އުސޫލު ބަދަލުކޮށްފައިވާއިރު، މާލޭ ސަރަޙައްދުގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ކެފޭތަކާއި ރެސްޓޯރެންޓްތަކުން ރޭގަނޑު 8:00ގެ ފަހުން ކެއިންބުއިމުގެ ޚިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. އަދި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތްވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ މީގެކުރިން އަންގާފައެވެ.
ނަމަވެސް އެޗްޕީއޭއިން ކެފޭ/ރެސްޓޯރަންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައި މިވަނީ، އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ކެފޭ/ރެސްޓޯރަންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް، މާލެ ސަރަޙައްދުގައި އަޅާފައިވާ އެހެން ފިޔަވަޅުތަކަށް ލުޔެއް ނުދެއެވެ. އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ހަވީރު 6:00 އިން ހެނދުނު ހަޔަކަށް އިންޖީނުލީ އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ފިހާރަތައް ރޭގަނޑު 10:30 ގައި ބަންދުކުރަންޖެހެއެވެ.
މީގެއިތުރުން މާލެ ސަރަޙައްދުގައި އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ އެއްވެ އުޅުން މަނާކޮށްފައިވާއިރު، މާލެ ސަރަޙައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ.