ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މަޢުލޫމާތު އިންޑިއާގެ ނޫސްވެރިންނާއި ޓުއަރ އޮޕަރޭޓަރުންނަށް


ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މަޢުލޫމާތު އިންޑިއާގެ ނޫސްވެރިންނަށާއި ޓުއަރ އޮޕަރޭޓަރުންނަށް ދީފިއެވެ.

މި ހަރަކާތްކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ނިއުދިއްލީގައި ރާއްޖޭގެ ފަރާތުން ބޭއްވި ނޫސް ކޮންފަރެންސްގެ ތެރެއިންނާއި، ރޯޑް ޝޯގެ ތެރެއިންނެވެ.

މޯލްޑިވްސް: މީޑިއާ މީޓްގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭގޮތުން ނޫސްވެރިންގެ ސުވާލްތަކަށް ޖަވާބުދިނުމުގެ ފެނަލްގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުސޫމާއި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު އަދި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހުސެއިން ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ މަޢުސޫމް ވިދާޅުވީ މި ފަދަ ބައްދަލުވުންތަކަކީ ވިޔަފާރީގެ އާ ފުރުސަތުތަކާއި މިހާރުވެސް ޤާއިމްވެފައިވާ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް މުޙިއްމު ފުރުސަތެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި ދެކުނު އޭޝިއާ ސަރަޙައްދުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރ ކަމުގައިވާ ސައުތް އޭޝިއާ ޓްރެވެލް އެންޑް ޓޫރިޒަމް އެކްސްޗޭންޖް، ސާޓޭ ފެއާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއަހަރުގެ ސާޓޭ ފެއަރގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ 13 ކުންފުންޏަކުންނާއި ކަމާއި ގުޅުންހުރި 22 ފަރާތަކުން ބައިވެރިވާނެއެވެ. ސަޓޭ ފެއަރ ކުރިއަށްދަނީ މިމަހުގެ 24 އިން 26 އަށެވެ.

އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެ އިޝްތިހާރުކުރުމަށް ރާއްޖެއިން ބޭރުގައި ބާއްވާ 44 ފެއަރއަކާއި ރޯޑްޝޯއެއްގައި މިއަހަރު ބައިވެރިވާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.