ޤަވާއިދާ ޚިލާފަށް މިޔަރުގެ މަސްވެރިކަން ކުރުމާއި، މިޔަރު މަހާއި އުރަހަ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ކަޅުބާޒާރެއް ރާއްޖޭގައި މިހާރު ހިނގަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ކަޅުބާޒާރެއްގެ ތެރެއިން މިޔަރުގެ ބާވަތްތައް ގަނެ އެކްސްޕޯޓް ކުރަމުންދާކަމުގެ މަޢުލޫމާތުވެސް މިނިސްޓްރީއަށް ލިބިފައިވާކަމަށާއި، މިމައްސަލައިގައި ކަމާގުޅޭ ދަޢުލަތުގެ އެކި އިދާރާތަކުގެ މެދުގައި މަޝްވަރާކުރެވި ވަގަށްކުރާ މިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާ ކަމަށެވެ.
އެގޮތުން، މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭ މަރުހަލާގައި ވަކި ބާވަތްތަކެއް އެކްސްޕޯޓްގެ ހުރިހާ ފޮށިތަކެއް ބަލައި ފާސްކުރުމާއި، މިޔަރު މަސްވެރިކަން ކުރާ ކަމަށް ބެލެވިފައިވާ ސަރަޙައްދުތަކަށް އަމާޒުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކޯސްޓްގާޑްގެ ފަރާތުން އެސަރަޙައްދުތަކުގެ ޕެޓްރޯލްތައްވެސް ވަރުގަދު ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
އަދި މިޔަރުގެ މަސްވެރިކަން ކުރާކަމުގެ ރިޕޯޓް ލިބޭ ރަށްރަށާއި ސަރަހައްދުތަކުގެ މަޢުލޫމާތު ކަމާގުޅޭ އިދާރާތަކާ ޙިއްޞާކުރުމާއި، އެފަދައިން ހިފެހެއްޓޭ އުޅަނދުފަހަރާއި ފަރާތްތަކުގެ މައްސަލަތައް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ތަޙުޤީޤުކުރުމަށް މިނިސްޓްރީގެ ފަރާތުން މިހާރުވާނީ އިންތިޒާމުތައް ހަމަޖައްސާފައެވެ.
އެގޮތުން ކުރި މަސައްކަތްތަކުގެ ތެރެއިން، ވޭތުވެދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މިޔަރު އުރަހައިގެ ޝިޕްމަންޓެއް އެކްސްޕޯޓްކުރުމުގެ މަރުހަލާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެންވަނީ ހިފަހައްޓާފައެވެ.
އަދި އެމައްސަލަ ތަޙްޤީޤްކޮށް ނިމި ފިޔަވަޅު އެޅުމުގެ މަރުހަލާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މިނިސްޓްރީންދަނީ ފުރިހަމަކުރަމުންނެވެ. މީގެ އިތުރުން، މިމަހުގެ 22ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އދ. އަތޮޅުން މިޔަރު މަސްވެރިކަން ކުރާ އުޅަނދެއް ގިނަ ޢަދަދެއްގެ މިޔަރާއެކު ވަނީ އަތުލައިގަނެފައެވެ. އަދި މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަވިސްއިން މިހާރު ދަނީ ތަޙްޤީޤްކުރަމުންނެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު 2 ސިނާޢަތްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތާއި ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާޢަތަށް ނުހަނު މުހިއްމު ބާވަތެއްކަމުގައިވާ މިޔަރުގެ މަސްވެރިކަން 2010 ވަނަ އަހަރު މަނާކުރެވުނީ މިޔަރުގެ އާބާދީ ހީނަރުވެ އެކަމުގެ ސަބަބުން ރާއްޖެއިން ފެންނަ މިޔަރުގެ ޢަދަދު މަދުވެފައިވާކަމަށް އެދުވަސްވަރު ކުރެވުނު ދިރާސާތަކުން ދެއްކުމާއި ގުޅިގެންނެވެ.
އަދި މިޔަރު މަސްވެރިކަން ކުރުމުގެ އިތުރުން މިޔަރު ޕްރޮސެސްކުރުން އަދި އެކްސްޕޯޓްކުރުމަކީ މަނާ ކަންތައްތަކެއްގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަލަށް އެކުލަވާލެވުނު މަސްވެރިކަމުގެ ޤާނޫނު ފުރިހަމައަށް ތަންފީޒުކުރުމަކީ މިމިނިސްޓްރީގެ އަމާޒެއް ކަމުގައިވާތީވެ، އަދި މިޔަރުގެ ހުރިހާ ބާވަތްތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދު"ގެ ދަށުން ހިފުން، ބޭނުން އަދި ނެގުން މަނާ ލިސްޓުގައި ހިމަނާފައިވާ ބާވަތްތަކެއް ކަމުގައިވާތީވެ، ޤާނޫނާއި ގަވާއިދާއި ޚިލާފަށް މިޔަރު މަސްވެރިކަމުގައި، އަދި ޕްރޮސެސްކުރުމުގައި ނުވަތަ އެކްސްޕޯޓްކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއިމެދު މަސްވެރިކަމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.