ޖަރުމަންވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީން ޤަޠަރު އެއާވޭސްއާ ގުޅިގެން ވެބިނާއެއް ބާއްވައިފިއެވެ.
މޯލްޑިވްސް މަރކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ، މިވެބިނާގެ ތެރެއިން ރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ޓްރެވަލް އެޖެންޓުންނާއި ހިއްސާކުރިކަމަށެވެ. އަދި ޤަޠަރު އެއާވޭސްއިން ރާއްޖެއާއި ޖަރުމަންވިލާތާއި، ސްވިޒަލެންޑް އަދި އޮސްޓްރިއާ ދެމެދު ފެށުމަށް ހަމަޖެހިފައިވާ ފްލައިޓް ކަނެކްޝަންތަކުގެ މަޢުލޫމާތުވެސް ހިއްސާކުރެވިފައިވާކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.
407 ޓްރަވަލް އެޖެންޓުން ބައިވެރިވި މިވެބީނާގައި ރާއްޖޭގެ ފަތުރުވެރިކަމާއިބެހޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ވަނީ ދީފައެވެ. އަދި ޓްރެވެލް ޓްރޭޑްގެ ފަރާތްތަކަށް ވަނީ ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމާއި ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއެކު އެންމެ ރައްކާތެރި އެއް ގައުމުގެ ގޮތުގައި ރާއްޖެވެގެންދާ ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ވެބިނާގެ ބައިވެރިންގެ މެދުގައި ކުރިއަށްގެންދެވުނު ލަކީޑްރޯ ކާމިޔާބުކުރި ފަރާތަށް ވަނީ ބަލްޔޯނީ ރިސޯޓް މޯލްޑިވްސް އިން 5 ދުވަހުގެ ޗުއްޓީއެއް ހަދިޔާކޮށްފައެވެ.
މި ހަރަކާތުގެ ތެރެއިން ކުރިއަށްދިޔަ ސުވާލާއި ޖަވާބު ސެޝަނުގައި ޕީސީ އާރް ޓެސްޓް ހެދުމާއި، ރާއްޖެއަށް އެތެރެވުމުގައި ބަލާ މިންގަނޑުތަކާއި ގުޅޭ ގޮތުން ކުރެވުނު ސުވާލުތަކުން، ބައިވެރިންގެ މެދުގައި ރާއްޖެއަށް ދަތުރު ކުރުމަށް ޝައުގުވެރިކަން އުފެދިފައިވާކަން ފާހަގަވެގެންދިޔަކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖެނުއަރީ މަހުގައި ޖަރުމަންވިލާތުން 3,390 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސްވިޒަލެންޑް އިން 1,958 އަދި އޮސްޓްރިއާއިން 1,177 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރިއެވެ. ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން ދަތުރު ފަތުރަށް ބުރުއަރާފައިވާތީ، މިއީ ފާއިތުވި އަހަރުތަކާއި ބަލާއިރު މަދު އަދަދެއްކަމަށް ވިޔަސް، މި 3 ޤައުމަކީ މުހިންމު 3 މާކެޓެވެ.
ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ގިނަ ހަރަކާތްތައް ކުރިއަށްގެންދިޔައިރު، ޖަރުމަންވިލާތުގެ މަޝްހޫރު ބްރައިޑަލް ވެބްސައިޓެއްގައިވެސް ރާއްޖެ ވަނީ އިޝްތިހާރުކޮށްފައެވެ. އަދި ޓްރަވަލް ޓްރޭޑަށް ހާއްސަކޮށްގެން ބޭއްވުނު ވާރޗުއަލް އިވެންޓްތަކުގައި ރާއްޖެއާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސިނާއަތުގައި މަސައްކަތްކުރާ ގިނަ ފަރާތްތަަކަށް ވަނީ ފޯރުކޮށްދީފައެވެ.