ޚަބަރު

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް އަމަލުކުރަން ފަށައިފި


ފުލުހުންގެ މުޢައްސަސާއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނާނެ، ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް އަމަލުކުރަން ފަށައިފިއެވެ.

މި ޤާނޫނަކީ ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި ތަންފީޛުކޮށް، އަމަން ޢާންމާއި ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރާއި އިޚްތިޔާރު ފުލުހުންނަށް ދީފައިވާ ޤާނޫނެކެވެ.

މިޤާނޫނަކީ މިދިޔަ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރެއްވި ޤާނޫނެެކެވެ.

މި ޤާނޫނަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ޤާނޫނުއަސާސީއާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކާއި ކަރާމަތަށް އިޙްތިރާމުކުރުމާއެކު ޤާނޫނުގެ ޙުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމަށް ވުޖޫދަށް ގެނެސްފައިވާ ޤާނޫނެކެވެ. މީގެ އިތުރުން ރައްޔިތުންނާ ގުޅިގެން ޚިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި، ދިވެހި ފުލުހުންގެ ޚިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުމަށްވެސް މި ޤާނޫނު ބާރުއަޅައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ޤާނޫނު ގެ ދަށުން ޤާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ޤާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ޚިދުމަތަށް" އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް"އެވެ.

ފުލުހުންގެ ޚިދުމަތުގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ހިމެނުން ހިމެނެއެވެ. އަދި ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ވަނީ ކަނޑައަޅާފައެވެ.

މި ޤާނޫނުގައި ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކޮށް ހިންގުމަށްވަނީ ފުޅާދާއިރާއެއްގައި ފުރުސަތު ލިބިދީފައެވެ. އަދި 7 މެމްބަރުންގެ ފުލުހުންގެ ބޯޑެއް އެކުލަވާލަން ޖެހޭއިރު 5 މެމްބަރުންގެ އިސްތިއުނާފު ބޯޑެއްގެވެސް މިބިލާއެކު އެކުލަވާލަންޖެހެއެވެ. ބިލުގައި ވަނީ ފުލުހުންގެ މިހާރު ތިއްބެވި ބައެއް މަޤާމުތައް އަލުން ޢައްޔަން ކުރުމަށްވެސް ފާސްކޮށްފައެވެ. އަދި މިބިލުގައި ފުލުހުންގެ ތެރޭގައި ބަޣާވާތްކޮށްފިނަމަ ޢަމަލުކުރާނެ ގޮތުގެ ތަފްސީލުވެސް ހިމަނާފައިވެއެވެ.

މި ޤާނޫނުން ފުލުހުންނަށް ހަތިޔާރު ހޯދުމާއި ގެންގުޅުމުގެ ބާރު ލިބިދޭއިރު، ފުލުހުންނަށް "ލެސް ލީތަލް" ހަތިޔާރު ބޭނުން ކުރުމުގެ ބާރުވަނީ ލިބިގެންގޮސްފައެވެ.

މި ޤާނޫނާއެކު ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ސިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރުކޮށްދިނުމާއި ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރުމުން މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ހައުސިންގ ސްކީމްތައް ޤާއިމުކޮށް އޭގެމަންފާ ފުލުންނަށް ލިބޭނޭގޮތް ހެދުން ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ތެރެއިން ކަނޑައެޅިގެންދެއެވެ.

ފުލުހުންގެ ޚިދުމަތުގެ މިޤާނޫނަކީ، ސަރުކާރު ހިންގާ މައިޕާޓީ އެމް.ޑީ.ޕީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްގެ މައްޗަށް، ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ޚިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް އެކުލަވާލެވި އަމަލުކުރަން ފަށާފައިވާ ޤާނޫނެކެވެ.