ޚަބަރު

ލުބުނާނުގައި ގެދޮރު ގެއްލުނު މީހުންނަށް އީރާނުން 200 މިލިޔަން ޑޮލަރުގެ އެހީ


މިއަހަރުގެ ތެރޭގައި ޔަހޫދީންގެ ނިރުބަވެރި ދައުލަތުން، ލުބުނާނަށް ދިން ޢުދުވާނީ ޙަމަލާތަކާ ގުޅިގެން، ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އާންމު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އީރާނުން، ލުބްނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲއަށް 200 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

މިއީ ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު އެ ޖަމާޢަތަށް ތާޢީދުކުރާ ފަރާތްތަކަށް ފޯރުކޮށްދެވޭ މިފަދަ ފުރަތަމަ ބޮޑު މާލީ އެހީއެވެ.

މި މަޢުލޫމާތު ހާމަކުރި ފަރާތްތަކުން ބުނި ގޮތުގައި، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި މި ފައިސާގެ އެހީ ފޮނުވާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އަދި ފައިސާ ފޮނުވުމުގައި މެދުވެރިއެއްގެ ދަޢުރު އަދާކުރި ފަރާތްތަކުން 20 އިންސައްތައިގެ ބޮޑު ފީއެއް ނަގާފައިވާ ކަމަށާއި، މިއީ ޢާންމުކޮށް މިފަދަ ކަންކަމުގައި ނަގާ ޢަދަދަށްވުރެ ހަތަރު ގުނަ ބޮޑު ޢަދަދެއް ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

މި އެހީގެ ދަށުން ހާލުގައި ޖެހިފައިވާ ގާތްގަނޑަކަށް 50،000 އާއިލާއަށް، ކޮންމެ އާއިލާއަކަށް 3،000 ޑޮލަރުގެ މަގުން އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިގޮތުން ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި އެއްކޮށް ސުންނާފަތިވެފައިވާ އަދި މިވަގުތު ވަދެވެން ނެތް ސަރަޙައްދުތަކުގެ ރައްޔިތުންނަށް އިސްކަންދެވޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ޙިޒްބުﷲގެ އިސް އޮފިޝަލަކު ވަނީ ފައިސާގެ އެހީ ލިބިފައިވާކަން ކަށަވަރުކޮށްދީ، ކުރިއަށް އޮތް ދުވަސްތަކުގައި އެ ފައިސާ ބަހާނެ ގޮތުގެ ތަފުޞީލީ ޕްލޭން އިޢުލާންކުރާނެ ކަމަށް ބުނެފައެވެ. އަދި އެ ޖަމާޢަތުގެ ލީޑަރު ނަޢީމް ޤާސިމް ވެސް ވަނީ، ގެދޮރު ގެއްލިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ބޮޑު މަޝްރޫޢެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އިޢުލާންކުރައްވައިފައެވެ.

ނަމަވެސް އެމެރިކާއިން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޓޮމީ ޕިގަޓް ވިދާޅުވީ، އެފަދަ އެއްވެސް ފައިސާއެއް އީރާނުން ފޮނުވާފައިނުވާ ކަމަށާއި، މިއީ ޙިޒްބުﷲއިން އަބުރު ސަލާމަތްކުރުމަށްޓަކައި ފަތުރަމުންދާ ދޮގެއް ކަމަށެވެ.

މީގެއިތުރުން އެމެރިކާގެ މާލީ ވުޒާރާއިން ބުނެފައިވަނީ، އީރާނުގެ މާލީ ތަނަވަސްކަން ކުޑަވަމުންދާ ކަމަށާއި ފައިސާ ފޮނުވޭނެ މަގުތައް ވެސް ބަންދުވަމުންދާ ކަމަށެވެ. އެމެރިކާއިން ބުނާ ގޮތުގައި، 2025 ވަނަ އަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ވެސް އީރާނުން ވަނީ ޙިޒްބުﷲއަށް 1 ބިލިއަން ޑޮލަރު ފޮނުވައިފައެވެ.

މި މައްސަލައާ ގުޅިގެން އީރާނުގެ ސަރުކާރުން އަދި ލުބްނާނުގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މާޗް މަހުގެ 2 ވަނަ ދުވަހު ޙިޒްބުﷲއިން ހަނގުރާމައިގެ ތެރެއަށް ވަނުމާ ގުޅިގެން، ޔަހޫދީން ލުބުނާނަށް ދިން ނިރުބަވެރި ޙަމަލާތަކުގައި މިހާތަނަށް 4،300 އަށްވުރެ ގިނަ މީހުން ޝަހީދުވެ، އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ލުބްނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވިދާޅުވި ގޮތުގައި، ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތައް އަލުން އިއާދަކޮށް އާރާސްތުކުރުމަށް 26 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ހިނގާނެއެވެ.