ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ 24ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫސިޓީ ގަމަށްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މިގޮތުން ސ.ގަމަށް 166 މިލިމީޓަރުގެ ވާރޭވެހުނުކަމަށާއި 55 މޭލު ބާރުމިނަށް ވައިގަދަވެފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
ރާއްޖެސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދަނީ ވައިގަދަވެ، ވިއްސާރަ ކުރަމުންނެވެ. މިކޮޅިގަނޑު ރާއްޖެއާ ދުރަށް ހުޅަނގުއުތުރަށް ޖެހެމުންދާކަމަށާ މާދަމާއިން ފެށިގެން ވާރޭވެހުން މަދުވެފައި ވައިޖެހޭ ބާރުމިންވެސް ދަށްވާން ފަށާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
އެއިދާރާއިން ވިދާޅުވީ މިއަދާއި މިރޭ ދެކުނާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށާއި އުތުރުގެ އެކިހިސާބަށް ވިއްސާރަވެ ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މީގެ އިތުރަށް އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
މިއަދާއި މިރޭ ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައްވެސް ޢާންމު ގޮތެއްގައި ގަދަވާނެއެވެ. އަދި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާތީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ކުރިއަށް އޮތް 24 ގަޑިއިރުތެރޭވެސް މޫސުމަށް ސަމާލު ވުމަށް ވަނީ އިލްތިމާސްކުރައްވައެވެ.
ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު އެކި ސަރަޙައްދުތަކަށް މޫސުމާ ބެހޭ އެލަރޓްތައްވެސް ދަނީ ނެރެމުންނެވެ. ރޭ ދަންވާރާ މިއަދު ހެނދުނު ރާއްޖެއަށް ކުރި ވިއްސާރައިގައި އައްޑޫ ސިޓީއާއި ފުވައްމުލަކުގެ އިތުރުން، މާލެއަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން މާލެ ސިޓީގެ ބައެއް ގަސްތައް ވެއްޓި، ވެހިކަލްތަކަށް ގެއްލުން ލިބިފައިވެއެވެ.