ޚަބަރު

ކޯވިޑް-19 : ރާއްޖޭގެ 54 ރަށެއްގައި 471 މީހުން ޕޮޒިޓިވްވެ ހޯމް އައިސޮލޭޝަންގައި


ރާއްޖޭގެ 54 ރަށެއްގައި 471 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ހޯމް އައިސޮލޭޝަންގައި ތިބިކަން ހެލްތް އިމަރެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ.

އެޗްއީއޯސީން ހާމަކުރެއްވި ރަށްރަށުގެ ކޯވިޑް-19ގެ ޙާލަތާއި ތަފާސްހިސާބުތައް ދައްކާގޮތުން ލ.އަތޮޅާއި ފުވައްމުލައް ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކުގައި މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން އެބަތިއްބެވެ. ޕޮޒިޓިވްވެފައިވާ 471 މީހުންގެ ތެރެގައި ހިމެނެނީ 337 ދިވެހިންނާއި، 134 ބިދޭސީންނެވެ.

ޕޮޒިޓިވް ކޭސްތައް ހުރި ރަށްރަށް މިވަގުތު އެންމެ ގިނައީ މާލެ އަތޮޅާއި، ޅ.އަތޮޅުގައެވެ. މާލެ އަތޮޅުގެ 8 ރަށެއްގައި ޕޮޒިޓިވް މީހުން ފާހަގަވެފައިވާއިރު އޭގެ ތެރޭގައި ބިދޭސީންނާއި ދިވެހިންވެސް ހިމެނެއެވެ. އަދި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މާލެއަތޮޅު ހުރައިންނެވެ. ހުރާގައި 96 މީހުން ޕޮޒިޓިވްވެފައިވާއިރު އެގެ ތެރޭގައި ހިމެނެނީ77 ދިވެހިންނާއި 19 ބިދޭސީންނެވެ. މީގެ ތެރޭގައި ފުރަބަންދު ކަރަންޓީންގައި ހުރި 2 މީހަކާއި، ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަވެގެން ސާމްޕަލްނެގުމުން ޕޮޒިޓިވްވި 61 މީހެއްގެ އިތުރުން ޑިޕާޗަރ 6 ކޭސްއާއި 27 ރެންޑަމް ސާމްޕަލުން ޕޮޒިޓިވްވި މީހުން ހިމެނެއެވެ. ހުރާގެ އިތުރުން ދިއްފުށީގައި 47 ދިވެހިންންވަނީ ޕޮޒިޓިވްވެފައެވެ.

ދެން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ފާދިއްޕޮޅު ފެލިވަރުންނެވެ. ފެލިވަރުން 26 ދިވެހިންނާއި، 45 ބިދޭސީންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މި އެންމެނަކީވެސް ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވެފައިވާ މީހުންނެވެ. ފެލިވަރުގެ އިތުރުން އެއަތޮޅު ނައިފަރުގައި 30 މީހުން ޕޮޒިޓިވްވެފައިވާއިރު، ހިންނަވަރުން 3 މީހަކާއި، އޮޅުވެލިުފުށިން އެކަކުވަނީ ޕޮޒިޓިވްވެފައެވެ.

ޕޮޒިޓިވްކޭސްތަކާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތުގައި ވަނީ ދ.ކުޑަހުވަދޫ، މީދޫ، ކ.ހުރާ، ދިއްފުށި، ރ.އުނގޫފާރު، މަޑުއްވަރި، ހުޅުދުއްފާރު، އަލިފުށި، ޅ.ފެލިވަރު، ހިންނަވަރު، އޮޅުވެލިފުށި އަދި ގދ.ތިނަދޫއެވެ.

މިވަގުތުށް ރާއްޖޭގެ 7 ޞަރަޙައްގެއްގައި ގާއިމްކޮށްފައިވާ ފެސިލިޓީތަކުގެ ތެރެއިން މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނީ ށ. އަތޮޅު ކޮވިޑް-19 ފެސިލިޓީގައި 2 މީހަކަށެވެ.

ރާއްޖޭގެ އަތޮޅުތަކުން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަލަށް ޕޮޒިޓިވްވި 147 މީހުންގެ ތެރެއިން 69 މީހުން ޕޮޒިޓިވްވެފައިވަނީ މީހުންދިރިއުޅޭ ރަށްރަށުންނެވެ.