ޚަބަރު

ވިއްސާރައާ ގުޅިގެން އައްޑުއާއި ފުވައްމުލަކުގެ ރައްޔިތުންގެ ޙާލު، ރައީސް ބައްލަވާލައްވައިފި


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫސިޓީއާއި ފުވައްމުލައް ސިޓީގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި އެކަމުގެ ސަބަބުން ގެއްލުންލިބެމުންދާތީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެ ދެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ޙާލު ބައްލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤާއި، ފުވައްމުލަކު ސިޓީގެ މޭޔަރު ޢަބްދުﷲ ފަލާޙް ޝަރީފްގެ އިތުރުން އެ ދާއިރާތައް ތަމްސީލުކުރައްވާ ބައެއް މަޖްލިސް މެންބަރުންނާވެސް ވަކިވަކިން ފޯނުން ގުޅުއްވައި، އެންމެ ފަހުގެ ޙާލަތާއި ގުޅޭގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އެ ދެސިޓީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ އޮޅުންފިލުއްވައި، ވިއްސާރައިގެ ސަބަބުން އެ ދެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތައް ފޫބައްދައިދިނުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަމުގައި ވިދާޅުވެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ސަރަޙައްދުތަކަށް ބޯކޮށްވާރޭވެހުމުގެ ސަބަބުން އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީގެ މަގުތަކާއި ގިނަ އަދަދެއްގެ ގެތަކުގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުންތަކެވަނީވެފައެވެ، އަދި ވިއްސާރަވެ ވައިބާރުވުމުގެ ސަބަބުން ގަސްތައްވެއްޓުމާއި ފުރާޅު އެއްލާލުމުގެ ހާދިސާތަކެއްވެސްވަނީ ހިންގާފައެވެ.