ކޯވިިޑް-19އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށަށްވެސް ވޯޓުލާން ދިއުމުގެ ފުރުސަތު ލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ވޯޓުލާން ދިއުމުގެ ހުއްދަ ލިބޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެފައިވާކަމަށެވެ. އަދި އެ ހުއްދަ ދިނުމަށް ނިންމާފައިވާތީވެ މޮނީޓަރިންގެ ހާލަތުގައި ހުރި ރަށްރަށަށްވެސް ޓާސްކް ފޯސްތަކުގެ ހުއްދައާއެކު ވޯޓުލާން ދެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.
Atholhu thereyga dhiriulhey rayyithun eh rashun aneh rashah vote lumah dhiumuge hudha dheyne kamah @HPA_MV in vidhaalhu vehje, monitoring haalathu ga oi rahrashah ves rashu task force aa gulhigen hama ekani vote lumah hudha libeyne.
— Ahmed Shareef (@ShareefRangondi) April 3, 2021
މޮނިޓަރިންގެ ހާލަތްތަކުގައި ހުރި ރަށްރަށަށް ވޯޓުލާން ދިއުމުގެ ފުރުޞަތު ދޭން ނިންމާފައިވާއިރު މިހާރުވެސް ކޯވިޑްގެ ކޭސްއެއް ފެނުމުގެ ސަބަބުން ބައެއް ރަށްތައް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
މި މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ވޯޓުލާން ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ބަންދުވެފައިވާއިރު މިހާރު ވަނީ ވޯޓުލެވޭނެ މީހުންގެ ދާއިމީ ލިސްޓުވެސް އާއްމުކޮށްފައެވެ. މިގޮތުން މިފަހަރުގެ މި އިންތިޚާބުގައި 273128 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި މިބައްޔާ ގުޅިގެން އައިސޮލޭޝަންގައި ތިބޭ މީހުންނަށްވެސް ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާނެކަމަށް ވިދާޅުވެފައެވެ. މިގޮތުން މިފަދަ މީހުން ވޯޓުލާނީ ޢާންމުންނަށް ވޯޓުލުމަށް ހުޅުވާލާފައިވާ ރަސްމީގަޑި ނިމުމުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހެނދުނު 7:00 އިން ހަވީރު 5:00އާ ހަމައަށެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ކޯވިޑްއަށް ޕޮޒިޓިވް މީހުންނާއި ކަރަންޓިނުގައި ތިބޭ މީހުން ވޯޓުލާން ގެންނާނީ ހަވީރު 5:00އިން އިރުއޮއްސި 6:00އަށް ކަމަށެވެ. އެއާއެކު ޢާންމު މީހުން ވޯޓްލާ ނިމުމުން މަރުކަޒުގައި އޭގެ ނުރައްކާ ކުޑަވާނެގޮތަށް ވީހާވެސް މަދު ބަޔަކު ތިބެގެން ވޯޓުލުން ކުރިއަށްދާނެކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.