ޚަބަރު

އެޗްއާރްސީއެމްގެ ނަމުގައި ފުރަތަމަ ފަހަރަށް އިންތިޚާބް އޮބްޒާވްކުރަނީ


މިފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބް، ސީދާ އެޗްއާރްސީއެމްގެ ނަމުގައި އޮބްޒާވްކުރުމުގެ ފުރުޞަތު ލިބިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެެ. މިއީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނަމުގައި އިންތިޚާބެއް އޮބްޒާވް ކުރުމަށް އަލަށް ލިބޭ ފުރުޞަތެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރު މޫމިނާ ވަޙީދު ވިދާޅުވީ އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުގެ އިންތިޚާބުގައިވެސް އިންތިޚާބާ މެދު އެ ކޮމިޝަނުން ދެކޭގޮތުގެ ރިޕޯޓް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނާ ހިއްސާކުރައްވާނެކަމަށެވެ. އަދި މި އިންތިޚާބަކީ ކޯވިޑްގެ ދުވަސްވަރު ބާއްވާ އިންތިޚާބެއްކަމުން ޕޮޒިޓިވްވެފައިވާ މީހުންނާއި އައިސޮލޭޝަންގައި ތިބި މީހުންނަށްވެސް ވޯޓުލެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި އެފަދަ މީހުންނަށް ވޯޓުލެވެނީ އެންމެ ޙައްޤުގޮތުގައިތޯ ބެލުމަށްޓަކައި އެޗްއާރްސީއެމްއިން އިލެކްޝަންސްއަށް ލަފާއަރުވަމުން އަންނަކަމަށް މޫމިނާ ވިދާޅުވިއެވެ. މޫމިނާ ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު އެޗްއާރްސީއެމްގެ އަމިއްލަ ނަމުގައި އިންތިޚާބް އޮބްޒާވް ކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވާކަމަށެވެ.

"އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ އިންތިޚާބް މޮނިޓަރކުރުމަށް ސީދާ އެޗްއާރްސީއެމްގެ ނަމުގައި އެކަން ކުރުމަށް ފުރުޞަތު މިވަނީ ލިބިފައި .އެ ޤައުމެއްގައި އޮންނަ ހިއުމަން ރައިޓްސް ކޮމިޝަނަކަށް އިންތިޚާބުގެ ކަންކަން އޮބްޒާވް ކުރުމަށް ފުރުޞަތު ލިބެންޖެހޭއިރު މިފަހަރު މިފުރުޞަތު ލިބުމަކީ ވަރަށް މުހިއްމު ކަމެއް." ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރު މޫމިނާ ވަޙީދު ވިދާޅުވިއެވެ.

ރާޢްޖޭގައި ބާއްވާ ކޮންމެ އިންތިޚާބެއް ކުރިއަށްދަނީ އެންމެ ރަނގަޅަށްތޯ ބެލުމަށްޓަކި ބޭރުގެ އޮބްޒާވަރުންނާއި ނޫސްވެރިންނާއި ޕާޓީތަކުގެ އިތުރަށް ކެންޑިޑޭޓުންގެ މަންދޫބުންވެސް އަންނަނީ އޮބްޒާވް ކުރަމުންނެވެ. މިއަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކްތ ކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.