އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދިންތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު މިސިޓީގެ ގިނަ މީހުންގެ ކަންބޮޑުވުމަކީ ސިޓީގެ ދަރަޖައާއި އެކު އަންނަން ޖެހޭ ޢުމްރާނީ ތަރައްޤީ އައިސްފައި ނެތުމެވެ. މިއީ އަބަދުމެ އެސިޓީގެ ރައްޔިތުން ދައްކާ ވާހަކައެކެވެ. ކަމާއި ބެހޭ ފަރާތްތަކުން އެސިޓީގެ ރައްޔިތުން އެދޭ އެދުމެކެވެ. ރައްޔިތުންގެ އެތައް ދުވަހެއްގެ މިއެދުން ހާސިލްވުމުގެ މަލަމަތިވަނީ ފެންނަން ފަށާފައެވެ.
އައްޑޫއަކީ އާބާދީގައި 35000އަށް ވުރެ ގިނަ މީހުން ތިބި ތަނެކެވެ. މި ސިޓީގައި އިދާރީ ގޮތުން 6 އަވަށެއް އޮވެއެވެ. ސިޓީގެ ރައްޔިތުން ބޭނުންވާ ތަރައްޤީ ސިޓީ އަށް ގެނެސްދިނުމަށް ކުރާ މަސައްކަތް ސިޓީގެ އެކި ހިސާބުތަކުން ފެންނަން މިވަނީ ފަށާފައެވެ. ބަނދަރު ތަކާއި މަގު ހެދުމުގެ ޕްރޮޖެކްޓު ތަކުންނެވެ. ނަރުދަމާގެ މަސައްކަތާއި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސްވަނީ ފެށިގެން ގޮސްފައެވެ.
އައްޑޫގެ މަގު ހެދުމުގެ މައިގަނޑު ދެ މަޝްރޫޢެއް މިވަގުތު ވެސް ސަރުކާރުން ކުރިއަށް އެބަ ގެންދެއެވެ. މިމަސައްކަތުގެ ތެރެއިން އެއް މަޝްރޫޢަކީ ޖީކޭ ޑިވެލޮޕްމެންޓާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ އައްޑޫގެ 18 މަގެއްގައި ތާރު އެޅުމުގެ މަޝްރޫއެވެ. މިމަޝްރޫޢުގެ ތެރެއިން އައްޑޫގެ ފޭދޫ، މަރަދޫ މަރަދޫ-ފޭދޫގެ ބޮޑު މަގު ރީސާފެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތުގައި މިހާރު ފޭދޫގެ މަގު ރީސާފެސް މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައެވެ.
އައްޑޫގައި ދެން ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއެވެ. މިމަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ފެން ހިންދުމުގެ ނިޒާމު ޤާއިމުކުރުމާއި، މަގު ހެދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 21 ފެބުރުވަރީ 2021 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ގާތްގަނޑަކަށް 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމަކާއި، އައްޑޫގެ ހުރިހާ އަވަށްތަކެއް ހިމެނޭ ގޮތަށް ޖުމުލަ 40 ކިލޯމީޓަރުގައި ތާރު އެޅުމުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫގެ އަވަށްތަކަކީ މީގެ އެތައް އަހަރެއް ކުރިން ބަނދަރު ހެދިފައި ހުރި އަވަށްތަކަކަށް ވީނަމަވެސް، ހުރިހާ އަވަށެއްގެ ހެން ބަނދަރު ވަނީ މަރާމާތު ކުރަން ޖެހިފައެވެ. އެގޮތުން އައްޑޫގެ 5 އަވަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި މިހާރު ހަވާލު ކުރެވިފައިވާ އިރު، އޭގެ ތެރެއިން 2 ބަނދަރެއްގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައެވެ. އެގޮތުން އައްޑޫސިޓީ މީދޫ ބަނދަރާއި މަރަދޫ ބަނދަރުގެ މަސައްކަތް ވަނީ ނިންމާފައެވެ. މީގެ ތެރެއިން މީދޫ ބަނދަރަކީ މިސަރުކާރުން އަލަށް ފެށި މަޝްރޫއެކެވެ.
މިވަގުތު ހުޅުދޫ ބަނދަރުގެ މަސައްކަތާއި، ހުޅުމީދޫ މިފްކޯ ބަނދަރުގެ އިތުރުން ދާދި ފަހުން ހަވާލު ކުރެވިގެން ދިޔަ ހިތަދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފެށިފައެވެ. އެމްޓީސީސީން މަޝްރޫޢުތަކާއި ހަވާލުވިއިރު ބުނެފައިވަނީ އެކުންފުނިން މިމަޝްރޫޢުތައް ހަވާލު ކުރެވިފައިވާ މުއްދަތަށް ވުރެ އަވަހަށް ނިންމާނެ ކަމަށެވެ.
އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ތަރައްޤީގެ އެކި އެކި މަޝްރޫޢުތަކުގެ ތެރޭގައި އައްޑޫ އިންޓަރނޭޝަނަލް ޕޯޓް ތަރައްޤީކުރުންވެސް ހިމެނެއެވެ. މިއީ އައްޑޫގައި ޒަމާނީ ފެންވަރުގެ ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމެންޓް ބަނދަރެއް ޤާއިމު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން ޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިހާރުވަނީ އެމަސައްކަތްވެސް ފަށާފައެވެ.
މީގެ އިތުރުން އައްޑޫގައި ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ ޤާއިމު ކުރުމަށް ދެކުނު ކޮރެއާގެ ކުންފުންޏަކާއި ވަނީ ހަވާލު ކުރެވިފައެވެ. މިމަޝްރޫޢުގެ ޑިޒައިން މަސައްކަތް ނިމި އިންވެސްޓަރަށް ދައްކަން ޖެހޭ ފައިސާ ދައްކާ ނިންމާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. އަދި މިކަމުގެ ޢަމަލީ މަސައްކަތްވެސް ދާދި އަވަހަށް ފެށިގެން ދާނެ ކަމަށް މިދިޔަ މަހު އައްޑޫ ސިޓީއަށް ކުރެއްވި ޒިޔާރަތުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ވިދާޅުވެފައެވެ.
މިމަޝްރޫޢުތަކުގެ އިތުރުން އައްޑޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށިގެން ދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ. އަދި މަސައްކަތް ފެށެންދެން ވަގުތީ ހައްލެއް ހޯދާދިނުމުގެ ގޮތުން އައްޑޫ ސިޓީއަށް އަށް އިތުރު 3 މެގަ ވޯޓުގެ ޖެންސެޓެއްވަނީ ގެންގޮސްފައެވެ.
އައްޑޫގެ ތަރައްޤީއަށް ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ގިނަ ރައްޔިތުން ތިބީ ސަރުކާރުގެ "އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ނިމި، ލިއުމުން ސިޓީގެ އެއްގެ ދަރަޖަ ދީފައި އޮތް އޮތުން ބަދަލު ކޮށްލުމަށް ކެތް މަދުވެފައެވެ.