ޚަބަރު

4 ސިޓީގެ ތެރެއިން 3 ސިޓީގެ މޭޔަރުގެ ގޮނޑި އެމްޑީޕީއަށް


މިއަދު ބޭއްވި ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ހަތަރު ސިޓީގެ ތެރެއިން 3 ސިޓީގެ މޭޔަރުގެ ގޮނޑި ސަރުކާރު ހިންގާ އެމްޑީޕީން ކަށަވަރުކޮށްފިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެންމެ ވާދަވެރިކޮށް ދިޔަ މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތަކުގެ ތެރެއިން މާލޭގެ މޭޔަރުކަން ކާމިޔާބުކޮށްފައިވަނީ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒުއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ގިނަ ގޮނޑިތައްވެސް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ.

މާލެ ފިޔަވައި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި އަލަށް ސިޓީކައުންސިލެއް އިންތިާޚާބުކުރި ކުޅުދުއްފުށީގެ މޭޔަރަކަށްވެސް ހޮވިފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށެވެ. އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުކަން ކާމިޔާބުކުރެއްވީ ކުރީގެ މެންބަރު އަލީ ނިޒާރުއެވެ.

މާލެ ފިޔަވައި އާބާދީ އެންމެ ބޮޑު އައްޑޫ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން މި އިންތިޚާބުގައި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ 7 ގޮނޑި ކާމިޔާބު ކުރެވިފައިވާކަން ވަނީ އެންމެ ފަހުގެ ނަތީޖާތަކުން ދައްކައެވެ. އައްޑޫ ސިޓީ ކައުންސިލަށް އިދިކޮޅު ޕީޕީއެމުން ތިން ގޮނޑި އަދި އަމިއްލަ ތިން ކެންޑިޑޭޓެކެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރުކަން ކަށަވަރުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އިސްމާއިލް ރަފީޤްއެވެ. ރަފީގް އިތުރުން 7 މެންބަރުން ހިމެނޭ ފުވައްމަުލަކު ސިޓީ ކައުންސިލްގެ ފަސް ދާއިރާއެއް ވެރިކަންކުރާ އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ.

ކުޅުދުއްފުށީގައި އަލަށް އިންތިޚާބުކުރި ސިޓީ ކައުންސިލްގެ ފުރަތަމަ މޭޔަރު ކަމުގެ މަގާމަށް އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު އާތިފް އިންތިހާބުވެފައިވާއިރު، އެސިޓީ ކައުންސިލްގެ މެންބަރުންގެ ގޮތުގައި ގިނައިން ހޮވިފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ.