ޚަބަރު

ނަތީޖާ ނެރެދޭނެ ސިޓީ ކައުންސިލެއް ފެނިގެންދާނެ: ޑރ. މުޢިއްޒު


ދެން ފެނިގެންދާނީ މާލޭ ރައްޔިތުން އެދޭފަދަ ޚިދުމަތްތަކާއެކު ނަތީޖާ ނެރެދޭނެ ކައުންސިލެއްކަމަށް މާލޭ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ މޭޔަރުކަމަށް ހޮވިވަޑައިގެންނެވި ޑރ. މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ އަޑު އިވިވަޑައިގެންފިކަމަށާއި، ރައްޔިތުންގެ ބަހަށް އަމާނާތްތެރިވެވަޑައިގެންނަވާކަމަށެެވެ.

"އަޅުގަނޑު ވާނީ މާލޭގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށްކުރި އިތުބާރާއެއްގޮތަށް ހުރިހާ ރައްޔިތުންނާވެސް އެކީގައި މަސައްކަތްކުރާ، ސަރުކާރާއި އެކީގައި މަސައްކަތްކުރާ، މާލޭގެ ރައްޔިތުންގެ ފަޅީގައި ހުރެގެން މަސައްކަތްކުރާ މީހަކަށް" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ ކުރިން 7 އަހަރުގެ މުއްދަތަކަށް ހައުސިން މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުން ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަކަމަށެވެ.

"އަޅުގަނޑު ޔަގީންކަންދެނީ އަޅުގަނޑާ ރަސްމީކޮށް މަސައްކަތް ހަވާލުވާ ދުވަހުން ފެށިގެން އެންމެ ފުރަތަމަވެސް ފަށާނެ މަސައްކަތަކަށްވަނީ ތިޔަ ލޮބުވެތި ރައްޔިތުންނާއި އެކީގައި ގުޅިފަޅަކީ ގެދޮރުގެ މަންޒިލަކަށް ހަދަން ސަރުކާރާއެކީ ވާހަކަދެއްކުމުގެ މަސައްކަތް" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުން ވޯޓު ދިނީ މާލޭގެ މިސްކިތްތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމާއި، ޒުވާނުންނާއި ކަނބަލުންނަކީ ފުދުންތެރި ދިރިއުޅުމެއް އުޅެން ބޭނުންވާތީކަމަށެވެ. އަދި މަގުތަކާއި މައިޒާންތަކާއި މާލޭގެ ވެއްޓަކީ ހިތްފަސޭހަ އަމާން ތަނަކަށް ހެދުމުގެ މަސައްކަތްވެސް ޚާއްސަ އިސްކަމެއްދީގެން ކުރައްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި ޕީޕީއެމްއާ އެނޫންވެސް ޕާޓީތަކުން މާލެ ސިޓީ ކައުންސިލަށް ހޮވުނު 18 ކައުންސިލަރުންނާއެކު ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރައްވާނެކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.