ޚަބަރު

ޒަކާތުގެ ފައިސާ ޖަމާކުރާނީ ފަޤީރުންގެ އެކައުންޓަށް، ލިސްޓު އެކުލަވާލަނީ


މިއަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާ ޒަކާތުގެ ފައިސާ ފަޤީރުންގެ އެކައުންޓަށް ޖަމާކުރުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވީ މިއަހަރުވެސް ފިޠުރު ޒަކާތް ދެއްކުމަށްޓަކައި ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށެވެ. މިގޮތުން މިއަހަރުވެސް އޫރިދޫއާއި ދިރާގާއި ބޭންކް އޮފް މޯލްޑިވްސްގެ އިތުރަށް އިސްލާމިކް ބޭން މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން އިސްލާމިކް މިނިސްޓްރީއަށް ގޮސް ޒަކާތް ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ގޮވާމުން ޒަކާތް ދައްކާން ބޭނުންވާ ފަރާތްތަކަށް ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެ ފުރުޞަތުވެސް ހުޅުވާލާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ފަޤީރުންނަށް ބެހުމަށްފަހު އެމީހުންގެ އެކައުންޓްތަކަށް ޖަމާކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވާފައިވާކަމަށެވެ. އަދި ނަގުދު ފައިސާ ދެއްކުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާދެއްކުމަށްވެސް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

" މިހާލަތުގައި ނަގުދު ފައިސާ ޒަކާތުގެ ގޮތުގައި ދެއްކުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ އޮންލައިންކޮށް ފައިސާ ދެއްކުން މިފަހަރުވެސް ފަޤީރުންގެ ލިސްޓުގައި ތިބި ފަރާތްތަކަށް ޒަކާތުގެ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކުރާނެ." އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު އަންނަނީ ފަޤީރުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މާލޭގެ ފަޤީރުންގެ ވަގުތީ ލިސްޓް އެކުލަވާލާ ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އަންނަ ބުރާސްފަތި ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ. އަދި އޮތޮޅުތެރޭގެ ފަޤީރުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް 10 ދުވަސް ތެރޭ ނިންމާ ރަމަޟާންމަހުގެ 15ގެ ކުރިން ފައިނަލް ލިސްޓް އެކުލަވާލެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތްތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ. އެހެންކަމުން ޞާއެއްގެ ބަރުދަނަކީ ހަނޑުލުން ނަމަ ގާތްގަނޑަކަށް ދޭއް ޕޮއިންޓު ހަތަރެއް ކިލޯ ގްރާމެވެ. އަދި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތުން ފިޠުރު ޒަކާތް ދެއްކުމުގެ ބަދަލުގައި އެމިންވަރުގެ ގޮވާމުގެ އަގަށްވާ ނަޤުދު ފައިސާއިންވެސް ފިޠުރު ޒަކާތް ދައްކަމުންދެއެވެ.

ފިޠްރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.

މުސްލިމުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންނާއި މިނިވަނުންނާއި އަޅުންނާއި ފަޤީރުންނާއި މުއްސަނދިންގެ މައްޗަށްވެސް ފިޠްރުޒަކާތް ވާޖިބުވެގެންވެއެވެ. އެހެންނަމަވެސް ފިޠުރު ޒަކާތް ވާޖިބުވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠަކެއްވެއެވެ. އެއީ ޢީދުދުވަހާއި އެރޭ އޭނާއާއި އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހުންގެ ކެއުމާއި އެހެނިހެން އަސާސީ ބޭނުންތައް ފުއްދޭނެ މިންވަރުގެ ފައިސާ ނުވަތަ ތަނަވަސްކަން ހުރުމެވެ.