ޚަބަރު

އޭސީސީއާ ޕީއެސްއެމް ގުޅިގެން ކޮރަޕްޝަނަށް ހޭލުންތެރި ކުރަނީ


ކޮރަޕްޝަން ހުއްޓުވުމާއި
ކޮރަޕްޝަނަށް އާންމުރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ޕީއެސްއެމްގެ
ޗެނަލްތަކުން ފޮނުވުމާބެހޭ އެއްބަސްވުމެއްގައި ޕީއެސްއެމްއާ އެންޓިކޮރަޕްޝަން
ކޮމިޝަނާ ދެމެދު ސޮއިކޮށްފިއެވެ.



ޕީއެސްއެމްގައި މިއަދު
ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން
ސޮއިކުރެއްވުމަށްފަހު އެއްބަސްވުމާގުޅޭ ގޮތުން މައުލޫމާތުދެއްވަމުން ޕީއެސްއެމްގެ
މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލު ވިދާޅުވީ މިއެއްބަސްވުމަކީ ދެފަރާތްގުޅިގެން ރާއްޖޭން
ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްކުރުމުގެ އެއްބަސްވުމެއްކަމަށެވެ. އެގޮތުން މި
އެއްބަސްވުމުގެ ދަށުން އޭސީސީން އުފައްދާ ކޮރަޕްޝަނަށް އާންމުން
ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ޕީއެސްއެމްގެ ހުރިހާ ޗެނަލްތަކާ، ވަޞީލަތްތަކުން
ގެނެސްދޭނެކަމަށެވެ. 

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ ހުރިހާ
މުއައްޒަފުންނަށް ކޮރަޕްޝަނާބެހޭ މައުލޫމާތު ދަސްކޮށްދީ ހޭލުންތެރިކުރުމުގެ
ޕްރޮގްރާމެއް ހިންގުމަށްވެސް ހަމަޖެހިފައިވާކަމަށް ޚަލީލު ވިދާޅުވިއެވެ.



މީގެ އިތުރުން
ޕީއެސްއެމްގައި އެންޓިކޮރަޕްޝަން ޕޮލިސީއެއް އުފައްދާ ތަންފީޒުކުރުމުގައި އޭސީސީން
ޕީއެސްއެމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޚަލީލު ވިދާޅުވިއެވެ.



މި އެއްބަސްވުމުގައި
އޭސީސީގެ ފަރާތުން ސޮއިކުރެއްވުމަށްފަހު މައުލޫމާތުދެއްވަމުން އެންޓިކޮރަޕްޝަން
ކޮމިޝަނުގެ ރައީސް ހަސަން ލުޠުފީ
ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މިފަހަރު ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭނީ
ތޭރަ އެޕިސޯޑެއްގެ މައްޗަށް އެކުލެވޭ ޕްރޮގާމެއްކަމަށެވެ. 

އަދި މި ޕްރޮގްރާމްގެ
އެކި އެޕިސޯޑްތަކުގައި ގެނެސްދޭ މައުލޫމާތުތަކަކީ އެކޮމިޝަނަށް ހުށައެޅޭ
މައްސަލަތަކަށް ރިއާޔަތްކޮށް، ހަޤީގީ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްގެން، ވަރަށްބޮޑަށް
ދިރާސާކުރެވިގެން، ގެނެސްދޭ މައުލޫމާތުތަކެއްކަމުގައި ލުޠުފީ ވިދާޅުވިއެވެ.