ސްޕެއިންގެ ޤައުމީ އެއަރލައިން އައިބީރިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އައިބީރިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެދު ތެރޭއެވެެ.
އައިބީރިއާ އެއަރލައިންސްއާ ހަވާލާދީ ވައިގެ ދަތުރުފަތުރުތަކާއި ގުޅޭ ޙަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައިވާގޮތުން އައިބީރިއާ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައިމަހުން ފެށިގެން އޮގަސްޓުމަހުގެ ނިޔަލަށް ހަފްތާއަކު 2 ދަތުރެވެ.
އައިބީރިއާ އެއަރލައިނުން މިހާރުވަނީ ރާއްޖެއަށް ދަތުރުތައް ފެށުމަށް ނަގަން ޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތް ފަށާފައެވެ. މިކަމާއި ގުޅޭގޮތުން އައިބީރިއާ އެއަރލައިންގެ ސީއީއޯ ހާވިއޭ ސަންޗޭޒް ޕްރިއެޓޯ ވިދާޅުވެފައިވަނީ ރާއްޖެއަށް އެއަރލައިންގެ ދަތުރުތައް ފެށުމަށް ނިންމާ އިޢުލާންކުރުމުން ދައްކައިދެނީ މި ހާލަތާއިއެކުވެސް އައިބީރިއާއިން އާ މަރކެޓްތަކަށް ދަތުރުތައް ފަށާ ޓޫރިޒަމް ސެކްޓަރ ކުރިއަރުވަން ކުރާ މަސައްކަތް ކަމަށެވެ.
އައިބީރިއާ އެއަރލައިންސްގެ ދަތުރުތައް ފެށުމުން ސްޕެއިންގެ އިތުރުން ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.
ކޯވިޑާއި ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށްވެސް އޭގެ ނޭދެވޭ އަސަރުކޮށްފައިވާއިރު، ރާއްޖެ ފަދަ ކުޑަ ޤައުމަކުންދަނީ މި ހާލަތުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.
ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުވެފައިވާއިރު، ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލްކަން އިތުރުވެ ގިނަ އެއަރލައިންތަކަކުން ދަނީ ރާއްޖެއަށް ދަތުރުތައް ފަށަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް 30 އެއަލައިންއަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ. މީގެތެރޭގައި ހިމެނެނީ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ބާއްވާ 23 އެއަރލައިންއަކާއި ޗާޓަރ ދަތުރުތައް ރާއްޖެއަށް ބާއްވާ 7 އެއަރލައިންއެކެެވެ.