ވިޔަފާރި

އެސްޓީއޯގެ ކޮންސްޓްރަކްޝަން އެޖެންޓުންނަށްވުމަށް 56 ފަރާތަކުން ޝައުގުވެރިވެރިކަން ފާޅުކޮށްފި


ކޮންސްޓްރަކްޝަން ސާމާނު ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ އެޖެންޓުންނަށްވުމަށް 56 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސް.ޓީ.އޯއިން ރާއްޖެއަށް އެތެރެކުރާ ކޮންސްޓްރަކްޝަން ސާމާނު އަތޮޅުތެރެއަށް ވިއްކުމަށް އެޖެންޓުން ނެގުމަށް ހަމަޖެހިފައިވަނީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ކޮންސްޓްރަކްޝަން ސާމާނު ވިއްކާ މޮޑެލް ބަދަލުކުރަން ނިންމީ، ވިޔަފާރިކުރަން ބޭނުންވާ ގިނަ ފަރާތްތަކަކަށް އެފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

އަމްރު ވިދާޅުވީ ކުރިމަގުގައި އެސްޓީއޯ ސުޕަރމާކެޓުގައި ވިއްކަން ގެންނަ ބައެއް ތަކެތިވެސް އެޖެންޓުން މެދުވެރިކޮށް އަތޮޅުތެރެއަށް ވިއްކުމަށް އެޖެންޓުން ހޯދުމަށް ހުޅުވާލާނެ ކަމަށެވެ. އެސްޓީއޯއިން ކޮންސްޓްރަކްޝަން އެޖެންޓުން ނެގުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ ފިހާރަތައް ނުހުންނަ ރަށްރަށުންނެވެ. އެގޮތުން 11 އަތޮޅަކުން 22 އެޖުންޓުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންގެ އެޖެންޓުންގެ މަސައްކަތަކަށް ވާނީ އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ކަނޑައަޅާފައިވާ އަތޮޅުތަކުގައި ވިއްކުމެވެ. އެގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ ސިމެންތި ،ހިލަ، ހިލަވެލި، ދަގަނޑު، ފްލައިވުޑް، ދަގަނޑު ހޮޅީގެ އިތުރުން ޓިނު އަދި ޓިނާއި ބެހޭ ސާމާނު ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

ކޮންމެ އަތޮޅަކުން ނެގުމަށް ހަމަޖެހިފައި ވަނީ 2 އެޖެންޓުންނެވެ. އެގޮތުން އެޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތައްކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން މިހާރުވެސް ދަނީ އެޖެންޓުން މެދުވެރިކޮށް އެކުންފުނިން ވިއްކާ ކާޑުގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްރަށަށް ވިއްކަމުންނެވެ. މިބަދަލާއެކު އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކާޑުގެ ބާވަތްތައް ވިއްކާ އަގުތަކަށް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ.