ކޯވިޑް-19

ކޯވިޑް-19 : އިތުރު މަރެއް، ނިޔާވި މީހުންގެ ޢަދަދު 71 އަކަށް


ކޯވިޑް-19 ގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވިދާޅުވީ، ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނިކޮށް ރޭ 11:25 ހާއިރުކަމަށްވެސް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 71 އަކަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 63 ދިވެހިންނާއި، 8 ބިދޭސީންނެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އިތުރު 157 ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 71 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 72 މީހަކާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހެއްގެ އިތުރުން ސިނާޢީ ރަށްތަކުން ޕޮޒިޓިވްވި 2 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 26،505 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،735 މީހުންނެވެ. އަދި 68 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.