ކޯވިޑް-19

ކޯވިޑް-19 : އިތުރު 253 މީހަކު ޕޮޒިޓިވެއްޖެ، ގިނައީ މާލޭ ސަރަޙައްދުން


ރާއްޖެއިން އިތުރު 253 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަޙައްދުންނެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 253 މީހަކު ވަނީ ކޯވިޑް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 111 މީހުން ހިމެނެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން 61 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 64 މީހަކާއި، އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްރަށުން 17 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 26920 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 132 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 23،935 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2905 މީހުންނެވެ. އަދި 83 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3286 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 71 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 63 ދިވެހިންނާއި 8 ބިދޭސީންނެވެ.