ވިޔަފާރި

ރަޝިޔާގައި ބާއްވާ ލަގްޒަރީ ޓްރެވަލް މާޓްގައި ރާއްޖެއިން ބައިވެރިވެއްޖެ


ފަތުރުވެރިކަމުގެ ދާއިރާގައި މަތީ ފަންތީގެ ޙިދުމަތްތައްދޭ ފަރާތްތަކަށް އަމާޒްކޮށްގެން ރަޝިއާގައި ބާއްވާ އެންމެ ބޮޑު ފެއަރ، ލަގްޝަރީ ޓްރެވެލް މާޓްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

'ލަގްޝަރީ ޓްރެވެލް މާޓް 2021 ' (އެލް.ޓީ.އެމް) ކުރިއަށްދާނީ މިމަހުގެ 22 އިން 23 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާގެ ވެރިރަށް މޮސްކޯގައެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންސް، އެމްއެމްޕީއާރުސީން ވިދާޅުވީ މި ފެއާރގައި ބައިވެރިވުމުގެ މަގްސަދަކީ ރަޝިއާ މާކެޓްގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓައި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރަޝިއާގައި ރާއްޖެ އިޝްތިހާރުކުރުން ކަމަށެވެ.

މި ފެއާގެ ތެރެއިން ޓުއަރ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ އެކި ޙިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ބައްދަލުކޮށް ރާއްޖޭގައި ފަތުުރުވެރިންނަށް ހުރި ފުރުސަތުތަކާއި ގުޅޭ މަޢުލާތުމާތު ހިއްސާކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖެއާބެހޭ އެންމެފަހުގެ މައުލޫމާތާއި ޤުދުރަތީގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮންނަ ޖަޒީރާ ވަންތަކަމާއި 'ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް' އަށް އަލިއަޅުވާލައި ރާއްޖެއަކީ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ އިތުރަށް މި ފެއާގައި ޑެސްޓިނޭޝަން ސްޕޮންސަރޝިޕް މެދުވެރިކޮށް އިޝްތިހާރުކުރެވިގެންދާނެއެވެ. މިސްޕޮންސަރޝިޕްގެ ތެރެއިން ފެއާރގައި ހަރުކުރެވިފައިވާ ޕްރެސް ވޯލް، ބެކް ޑްރޮޕް ،ޗަރޖިންގ ސްޓޭޝަން އަދި ފެއާގެ ޕްރޮމޯޝަނަލް މެޓީރިއަލް ތަކުގައި ރާއްޖޭގެ މަންޒަރުތައް ދަކުވައިދޭ ފޮޓޯތަކާއި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިންގ ވަނީ ހިމަނާފައެވެ.

މި ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ފައިވް-ސްޓަރ ހޮޓެލްތަކާއި ރިސޯޓްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނާއި ޓުއަރ އޮޕަރޭޓަރުންނާއި އަދި ލަގްޝަރީ ޓްރެވެލް އޭޖެންޓުންނެވެ.

ރަޝިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުުރވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 78847 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.