ޚަބަރު

ކޯވިޑް-19 : މަތިވެރިން އިތުރު 45 މީހުން ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޢަދަދު 82އަށް


އަރިއަތޮޅު އުތުރުބުރީ މަތިވެރިން އިތުރު 45 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޢަދަދު 82އަށް އިތުރުވެއްޖެއެވެ.

މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވާތީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައިވާ މަތިވެރީ ސިއްޙީ މަރުކަޒުން ހާމަކޮށްފައިވާގޮތުން މިހާތަނަށް ބަލި ދެނެތަތުމަށާއި، އަލާމާތްތްތައް ހުރެގެން ނެގި 240 ސާމްޕަލްގެ ތެރެއިން 82 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މަތިވެރިން ކޯވިޑް-19އަށް ބަޔަކު ފުރަތަމަ ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުންކަމަށާއި، ރޯގާގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށް އެރަށު7 ސިއްޙީ މަރުކަޒުން މައުލޫމާތުދެއެވެ.

މަތިވެރީގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާއިރު، މިހާތަނަށް ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން ރަށުގެ އެތައް ގެއެއްވަނީ ކަރަންޓީންކޮށްފައެވެ.

މަތިވެރި މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައިވާއިރު، އެ ރަށުގައި މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުފަދަކޮށްފައެވެ. އެގޮތުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނިކުމެ އުޅުންވަނީ މަނާކޮށްފައެވެ.