ޚަބަރު

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފި


އަންނަ މަހުގެ 29ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދާއިރާތަކާއި، ޕްރޮވިންސް ތަކާއި އަދި ސިޓީތަކަށް އިސްފަރާތްތައް އިންތިޚާބުކުރުމަށް އަންނަ މަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ޙިއްސާކުރައްވަމުން އެޕާޓީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަޙްމީ ވިދާޅުވީ ޖުމްލަ 455 މަޤާމަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ. އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. އޭނާ ވިދާޅުވީ މި އިންތިޚާބުގައި ވާދަކުރުމަށް އޮންލައިންކޮށްވެސް ފޯމް ހުށައެޅޭނެކަމަށެވެ.

މިއިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް އެލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލާފައިވާއިރު،
އިމްތިޔާޒް ވިދާޅުވީ މެއި 29ވާ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދާނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެކަނިކަމަށެވެ.

"މީހުން ދިރިއުޅޭ ރަށްރަށުގައި އެކަނި މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްގެންދާނީ، ރާއްޖެއިން ބޭރުގައި ވޯޓެއް ނުލާނެ، ޖަލުތަކާއި، ސިނާޢީ ރަށްރަށުގެ އިތުރުން ރިސޯޓުތަކުގައިވެސް އެތެރޭގެ އިންތިޚާބުގައި ވޯޓުލުމެއް ނޯންނާނެ. މާލޭގައި ދިރިއުޅޭ ފަރާތްތަކަށް މާލޭގައި ވޯޓުލެވޭނެ. އަދި ކޮންމެ މީހަކުވެސް ރަޖިސްޓްރީވެފައިވާ ރަށެއްގައި ވޯޓުލެވޭނެ" އިމްތިޔާޒް ވިދާޅުވިއެވެ.

މި އިންތިޚާބުގައި ވޯޓުލެވޭނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީން ބަލަހައްޓާ އެތެރޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށްކަމަށާއި، ޕާޓީގެ އެތެރޭގެ ދަފްތަރުގައި 93354 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ސްޕޯކްސް ޕާސަން ވިދާޅުވިއެވެ.

މި އިންތިޚާބުގައި ދާއިރާގެ ރައީސްކަމުގެ މަޤާމަށް އަލަށް ކުރިމަތިލާ ފަރާތްތަކުންވެސް އަދި މިހާރު އެމަގާމުތަކުގައި ތިބި ފަރާތްތަކުންވެސް ދާއިރާގެ މެންބަރުންގެ ތެރެއިން 50 މީހެއްގެ ސޮއި ހުށައަޅަންޖެހޭނެކަމަށާއި، ޕްރޮވިންސް ތަކާއި ސިޓީތަކުގެ ރައީސްކަމަށް ވާދަކުރާ ފަރާތްތަކުން އެ ސިޓީއެއް ނުވަތަ ޕްރޮވިންސަކަށް ނިސްބަތްވާ 200 މީހުންގެ ސޮއި ހުށައަޅަންވާނެކަމަށްވެސް އެމްޑީޕީން ވިދާޅުވިއެވެ. އަދި މި އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ކްރިމިނަލް ރެކޯޑްސް ދެނެގަތުމަށް ޚާއްސަ އިޤްރާރެއްގައި ސޮއިކުރަންވާނެކަމަށް އެޕާޓީން ބުނެއެވެ.

29 މެއިވާ ހޮނިހިރު ދުވަހުގެ ހެނދުނު 10އިން ހަވީރު 17:00އާ ހަމައަށް ކުރިއަށްގެންދާ މި އިންތިޚާބުގެ ކަންކަން ކުރިއަށްގެންދާނީ އެޗްޕީއޭގެ ގައިޑްލައިންތަކާއެެއްގޮތަށް ކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ.