ޚަބަރު

އެއަރޕޯޓަށް ދަތުރުކުރާ ވެހިކަލްތައް އެޗްޕީއޭގެ މިންގަޑަށް ފެތޭތޯ ބަލަނީ


ކޯވިޑްގެ ކޭސްތް އިތުރުވަމުން އަންނާތީ އެއަރޕޯޓަށް ދަތުރުކުރާ ވެހިކަލްތައް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވޭތޯ ބެލުމުގެ ޚާއްސަ މަސައްކަތެއް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި މަސައްކަތް ފަށާފައިވަނީ ކޯވިޑް ކޭސްތައް ފެންނަ މިންވަރު އަނެއްކާވެސް އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. އަދި ހުޅުލެއަށް ދިއުމަށް ހުއްދަދެވޭނީ ހަމައެކަނި މިންގަނޑަށް ފެތޭ އުޅަނދުތަކަށްކަމަށެވެ. މީގެ އިތުރަށް ފުލުހުން ވަނީ މާލެއާއި ހުޅުމާލޭގައި ދުއްވާ ޓެކްސީ އާއި އުޅަނދުތައްވެސް ޗެކް ކުރަންވެސް ނިންމަވާފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޓެކްސީތަކުގެ ޑްރައިވަރު އިންނަ ސީޓާއި ފަސިންޖަރުން ތިބޭ ފަހަތު ސީޓާ ދެމެދު ޕާޓިޝަނެއް ޖަހައި ވަކިކުރަން ވަނީ އަންގާފައެވެ. މީގެ އިތުރަށް ފަސިންޖަރުންނާއި ޑްރައިވަރުވެސް މާސްކް އެޅުމަށާއި ފަސިންޖަރުންނަށް ހަމައެކަނި ފަހަތު ސީޓުގައި ތިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ނަގުދު ފައިސާގެ ބަދަލުގައި އޮންލައިންކޮށް ލާރި ދެއްކޭގޮތަށް ހަމަޖެއްސުމާއި ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ވަނީ އަންގާފައެވެ. އަދި މަގުމަތިން ޓެކްސީ ނުނެގުމަށާއި ދެ ދަތުރު އެއްކޮށްލައިގެން ނުކުރުމަށް ވަނީ އަންގާފައިވެއެވެ.

ގަވައިދާ އެއްގޮތަށް ޓެކްސީ ކުރޭތޯ ބެލުމަށް ކުރިއަށްގެންދާ މަސައްކަތުގެ އިތުރަށް ފުލުހުން ވަނީ މާލެ ސިޓީގެ ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާ ބައްދަލުކޮށް ޓެކްސީގެ ހިދުމަތާ ގުޅޭގޮތުން އާއްމުންގެ ބައެއް ޝަކުވާތައް އަންނަމުންދާތީ އެކަންކަން ހައްލުކުރުމަށް މަޝްވަރާކޮށްފައެވެ. އެގޮތުން، ޓެކްސީ ޑްރައިވަރުންނާ ގުޅޭގޮތުން އާއްމުންގެ ފަރާތުން ފުލުހުންނަށް ލިބިފައިވާ ޝަކުވާތައް ހިއްސާކޮށް އެކަންކަން ހައްލުކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އޭގެ އިތުރުން، ރަމަޟާން މަހުގައި ޓެކްސީތައް ގަވާއިދާ ހިލާފަށް ޕާކުކުރުމާއި މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ޕާކުކުރަމުންދާތީ އެ ކަންކަން އެގޮތަށް ނުކުރުމަށް ޓެކްސީ ސެންޓަރުތަކުގެ ކިބައިން ވަނީ އެދިފައެވެ.