ޚަބަރު

އަންނަ އަންގާރަދުވަހު ގޮވާމުން ޒަކާތް ދެއްކުމަށް ހުޅުވާލަނީ


ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އަންނަ އަންގާރަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެކަމަށެވެ. އަދި ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު މި ޒަކާތް ބަލައިގަންނާއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ގޮވާމުންނަމަ ފިޠުރު ޒަކާތް ދައްކަންޖެހޭނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރުކަމަށެވެ. އެގޮތުން ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ގޮދަން ފުށް، ތައިލެންޑް ހަނޑޫ ، ރަތް ހަނޑޫ، އަދި އާޓާ ފުށެވެ.

މިއަހަރު ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައެވެ.

ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުން


* ހެނދުނު 10:00ން މެންދުރު 12:00އަށް
* މެންދުރު 13:00ން 14:30އަށް
* ރޭގަނޑު 21:00ން 22:30އަށް

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޒަކާތް ބަލައިގަންނަންވަނީ ފަށާފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިރަމަޟާންމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ޒަކާތުގެ ގޮތުގައި 899031 ރުފިޔާ ލިބިފައިވާކަމަށެވެ. އެއީ 20862މީހުން ޒަކާތުގެ ގޮތުގައި ދައްކާފައިވާ ފައިސާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެތެރޭގައި ހިމެނެނީ އޮންލައިންކޮށް ޒަކާތުގެ ފައިސާ ދެއްކި 17858މީހުންނާއި، މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރަށް ޒަކާތް ދެއްކި 3005 މީހުންނެވެ. މިމަހުގެ 11 ވަނަ ދުވަހާ ހަމަޔަށް ގޮވާމުން ޒަކާތް ދައްކަން ބޭނުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާއިރު މާލޭ ސަރަޙައްދުގައި ޒަކާތް ބަލައިގަންނާނެ އެންމެ ފަހުގެ ތާރީޚަކީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ. އަދި އަތޮޅުތަކުގައި އެރަށެއްގެ ކައުސިލުން ކަނޑައަޅާ މުއްދަތަކަށް ޒަކާތް ދެއްކޭނެއެވެ.