ޚަބަރު

އޯލެވްލެ ފަށައިފި، މި ފަހަރު 5000ވުރެ ގިނަ ދަރިވަރުން


5000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ފަށައިފިއެވެ. މެއި ޖޫންގެ އޯލެވެލް އިމްތިޙާން ފަށާފައިވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުގައެވެ.


މިފަހަރުގެ އޯލެވެލް އިމްތިޙާނުގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 5955 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ސްކޫލްތަކުން އިމްތިޙާނު ހަދާ 2196 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން އިމްތިޙާނު ހަދާ 3759 ދަރިވަރުންނެވެ. މީގެތެރޭގައި އެސްއެސްސީ އިމްތިޙާނުގައި ބައިވެރިވާ 5479 ދަރިވަރުން ހިމެނެއެވެ.

އޯ ލެވެލް އިމްތިޙާނު މިފަހަރު ކުރިޔަށްދާނީ މާލޭގެ 22 ސެންޓަރަކާއި، އަތޮޅުތަކުގެ 213 ސެންޓަރެއްގައެވެ. މި އިމްތިޙާނު ނިމެނީ އަންނަމަހުގެ 11 ވަނަދުވަހުއެވެ. އެޑިއުކޭޭޝަން މިނިސްޓްރީން ވިދާޅުވީ ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ދަރިވަރުންނާއި ކަރަންޓީނުގައި ތިބި ދަރިވަރުންގެ ތެރެއިން އިމްތިޙާނު ހެދޭ ހާލަތުގައި ތިބި ދަރިވަރުންނަށް އެޗްޕީއޭގެ ގައިޑްލައިންނާ އެއްގޮތަށް އިމްތިޙާނުގައި ބައިވެރިވުމުގެ ހަމަޖައްސާފައިވާކަމަށެވެ.

މި އިމްތިޙާނު އެންމެ ފުރަތަމަ ފެށުމަށް ނިންމާފައި އޮތީ އޭޕްރީލް މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އިމްތިޙާނުގެ ޓޭބަލް ބަދަލުކޮށް މިއަދު އިމްތިޙާނު ފެށިއިރު ފުރަތަމަ އޮންނާނީ އެސްއެސްސީ އިމްތިޙާނެވެ. މިގޮތުން ފުރަތަމަ އޮތީ އިސްލާމް މާއްދާއެވެ. ދިވެހި މާއްދާގެ ޓެސްޓް އޮންނާނި މިމަހުގެ 7 އަދި 8 ގައެވެ. ދެން ހުރި މާއްދާތައް ފަށާނީ މިމަހުގެ 4 ގައެވެ.

މި އިމްތިޙާނަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހަށް ތާވަލްކުރި ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނެވެ.

މިއަދު އޯލެވެލް އިމްތިހާން ފެށިއިރު މިދިޔަމަހުގެ 26 ވަނަ ދުވަހު ވަނީ އޭލެވެލް އިމްތިޙާނުވެސް ފަށާފައެވެ. އޭ ލެވްލް އިމްތިޙާނުގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 2821 ދަރިވަރަކު ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި މާލޭގެ ސްކޫލްތަކުން 1890 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން 931 ދަރިވަރުން ހިމެނެއެވެ.

ކޯވިޑްގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުގެ ސަބަބުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިއާއެކު އިމްތިހާންތައް ބާވާ ދުވަސްވަރުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއްވެސް އައިސްފައެވެ.