ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއާ ގުޅޭގޮތުން މިއަދު މެންދުރު 14:00 ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފުލުހުން ނިންމައިފިއެވެ.
ބެލެވޭ ގޮތުގައި މި ނޫސްވެރިންގެ ބައްދަލުވުމުގައި މި ހަދިސާ އާ ގުޅޭ ތަފްސީލީ މަޢުލޫމާތުތަކެއް ފުލުހުން ހާމަކުރައްވާނެއެވެ،
ރައީސް ނަޝީދުއަށް އަމާޒުކޮށް ރޭ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލި ހާދިސާގައި ރައީސް ނަޝީދަށް އެކި ވަރުގެ އަނިޔާތައް ލިބި އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އަދި ރައީސް ނަޝީދުގެ ދެ ބޮޑީގާޑުންނާއި ދިވެހި ފިރިހެނެއްގެ އިތުރަށް ބޭރު މީހަކަށްވެސް ވަނީ އަނިޔާތަކެއް ލިބިފައެވެ.
މި ހާދިސާ އެކި ފަރާތްތަކުން ކުށްވެރިކުރަމުން އަންނައިރު މި ހާދިސާ ވީ އެންމެ އަވަހަކަށް ތަޙްޤީގުކޮށް މިކަމުގައި ޝާމިލްވި އެންމެނަށް ހައްޤު އަދަބު ދިނުމަށް އަންނަނީ ގޮވާލަމުނެވެ. އަދި މި ހާދިސާ ތަޙްޤީގުކުރުމަށްޓަކައި ބޭރުގެ ޚާއްސަ ޓީމެއްވެސް ގެނައުމަށް ވަނީ ނިންމާފައެވެ. މިގޮތުން މާދަމާ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަޙްޤީގީ ޓީމެއް އަންނަ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންވަނީ އެލާޓް ލެވެލް ތިނަކަށް މަތިކޮށް، ޙާއްސަ އިސްކަމެއް ދީގެން ހާދިސާގެ ތަހުގީގު ފަށާފައިވާކަން ހާމަކުރައްވާފައެވެ.