ރައްކާތެރިކަމަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު، ރާއްޖޭގެ ރިސޯޓްތަކާއި ސަފާރީތަކުން ކޯވިޑްގެ ކޭސްތައް ފެންނަ މިންވަރު މިދުވަސްވަރު މަދުކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޑރ.މަޢުސޫމް ވިދާޅުވީ މާލޭ ސަރަޙައްދުން ކޯވިޑްގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި ރިސޯޓްތަކާއި ސަފާރީތަކުން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ރެކޯޑް ޢަދަދަކަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން ރިސޯޓްތަކާއި ސަފާރީތަކުން، މިއަހަރުގެ މިހާތަނަށް އެންމެ ދަށް އަދަދަކަށް ކޯވިޑަށް މީހުން ޕޮޒިޓިވްވެފައިވަނީ މިމަހުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
Irrespective of a Covid surge in #CapitalCity, case numbers, if any, in resorts and liveaboard boats this #May have been a record low for 2021. The industry's implementation of strong safety protocols and guidelines of @HPA_MV and @MoTmv are commendable.#SafeTourism#Maldives
— Abdulla Mausoom (@Mausoom_Maus) May 14, 2021
މިނިސްޓަރވަނީ ކޯވިޑުން ރައްކާތެރިވުމަށް އެޗްޕީއޭއިންނާއި، ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ސޭފްޓީ ޕްރޮޓްކޯލްތަކާއި ގައިޑްލައިސްތަކަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތެރިވާ ފަރާތްތަކުން ބޯލަބައި އެކަންތައްތައް ތަންފީޒްކުރަމުންދާގޮތަށް ތަޢުރީފްކުރައްވާފައެވެ.
ރިސޯޓްތަކާއި ސަފާރީތަކުން ކޯވިޑް ކޭސްތައް ފެންނަ މިންވަރު މަދުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވި ނަމަވެސް މިކަމާގުޅޭ ތަފާސްހިސާބުތަކެއް ހާމައެއް ނުކުރައްވައެވެ. ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓް ރިޕޯޓްގައިވާގޮތުން މިއަހަރުގެ މޭމަހުގެ 13ވަނަ ދުވަހާއި ހަަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ %0.27 ފަތުރުވެރިންނެވެ. ހުސްވި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެތެރެއިން ކޯވިޑަށް ޕޮޒިޓިވްފައިވަނީ އެއަހަރު އައި ޖުމުލަ ފަތުރުވެރިންގެ ތެރެއިން %0.19 މީހުންނެވެ.
ޓޫރިޒަމް މިނިސްޓްރީންވަނީ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް، އެކުލަވާލާފައިވާ އުސޫލްތަކަށް އަމަލު ކުރަމުން ދޭތޯ ބެލުމަށް އިންސްޕެކްޝަނެއްވެސް ފަށާފައެވެ.
މިއިންސްޕެކްޝަނަކީ މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ގެސްޓްހައުސްތަކުގެ މުވައްޒަފުންނާއި ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގައި ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކަށް އަމަލު ކުރަމުންދާ މިންވަރު ބެލުމަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ އިންސްޕެކްޝަނެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.