ވިޔަފާރި

ރިސޯޓް ތަރައްޤީކުރުމަށް ދޭ މުއްދަތު އަނެއްކާވެސް އިތުރުކޮށްދެނީ


ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކޮންސްޓްރަކްޝަން ޕީރިއަޑް ހަމަވެފައިވާ ތަންތަނުގެ މުއްދަތު އިތުރުކުރުމަށް އަންނަ ޖޫންމަހުގެ 17ގެ ކުރިން ހުށަހަޅަން ޖެހޭގޮތަށް ކަނޑައަޅައި، ގަވާއިދަށް އިސްލާޙެއް ގެނެސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާރު ގެޒެޓްކޮށްފައިވާ ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވައިދަށް ގެނެސްފައިވާ އިސްލާހުގައިވާގޮތުން، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކޮންސްޓްރަކްޝަން ޕީރިއަޑް ހަމަވެފައިވާ ތަންތަނުގެ ކޮންސްޓްރަކްޝަން ޕީރިއަޑު އިތުރުކުރުމަށާއި ކުއްޔާއި ގުޅިގެން އަރާފައިވާ ޖޫރިމަނާ އަށް ލުއި ހޯދުމަށް އެދި އަންނަ ޖޫންމަހުގެ 17 ވަނަ ދުވަހުގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްޤީ ކުރެވިފައިނުވާ ތަންތަނުގެ ކުއްޔާއި ގުޅިގެން އަރާފައިވާ ޖޫރިމަނާއަށް މި ގަވާއިދުގެ ދަށުން ލުއި ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފައިވާ ހުށަހެޅުންތަކަކީ ޞައްޙަ ހުށަހެޅުންތަކެއް ކަމުގައި ބަލައިގަންނަންވާނެ ކަމަށެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި، ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމާބެހޭ އައު ގަވާއިދަށް ޢަމަލުކުރަން ފަށައިފައިވަނީ 2019 ވަނަ އަހަރުއެވެ.

މި ޤަވާއިދުގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އެކި ފަރާތްތަކުން ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓުތަކެއް ކަމަށްވާއިރު، މި ގަވާއިދު އެކުލަވާލުމުގެ މައިގަނޑު މަޤުޞަދަކީ، ތަރައްޤީކޮށް ނިމިފައިނުވާ ތަންތަން އަވަހަށް ތަރައްޤީކޮށް ނިންމުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީ، އެތަންތަން އަވަހަށް ނިންމުމަށް އެ ފަރާތްތަކަށް ހިތްވަރުދިނުންކަމަށް ޓޫރިޒަމް މިނިސްޓްރީން އޭރު ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިންވެސްޓުކުރާ ގިނަ ފަރާތްތަކަށް އެކި ގޮންޖެހުންތައް ދިމާވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މި އިންވެސްޓްމަންޓުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންގޮސް ނިންމުމަށް ސަރުކާރުން ފޯރުކޮށްދެވެން ހުރި އެހީތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ސަރުކާރަށް ޤަބޫލުކުރެއެވެ.