ޚަބަރު

ހަރުކަށި ފިކުރު ފަތުރައި، ލޭ ހުއްދަކުރަން ގޮވާތީ ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް މައްސަލައެއް


ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަކުރަން ގޮވުން އާންމުވެފައިވާތީ، އެފަދަ މީހުންނާއިމެދު އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށައެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްއެވެ.

މަޖިލީހަށް މި މިމައްސަލަ ހުށައަޅުއްވަމުން މީކާއީލް އަޙްމަދު ނަސީމް ވިދާޅުވީ މިފަހަކަށް އައިސް ސޯޝަލް މީޑިއާ އާއި ތަފާތު އޮންލައިން މީޑިއާ ޕްލެޓް ފޯމްތަކުގައި ވަކިވަކި ފަރުދުންނާއި މެދު، ހަރުކަށި ފިކުރުގެ ތެރެއިން ނަފުރަތު އުފައްދައި އެމީހުންގެ ލޭ ހުއްދަކަމަށް ގޮވައި، އެއީ އިސްލާމުން ނޫން ކަމަށްބުނެ ތަފާތު ލޭބަލްތައް އެޅުވުން އާންމުވެފައިވާކަމަށެވެ.

އެގޮތުން ދާދިފަހުންވެސް ކާކުކަން އެނގޭ މީހަކު، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދަށް ނިސްބަތްކޮށް އެ މެންބަރަކީ މަރާލަންޖެހޭ މީހެއްކަމަށް ބުނެފައިވާކަމަށާއި، އަދި ރައްޔިތުންގެ މަޖިލިސް ގޮއްވާލަންޖެހޭ ކަމަށް ޓީވީ ޗެނަލަކުން ލައިވް ސްޓްރީމްކުރަމުން ދަނިކޮށް ކޮމެންޓުކޮށްފައިވާ މައްސަލަ މީކާއީލް ވަނީ ފާހަގަކުރައްވާފައެވެ.

"މުޙައްމަދު ވަހީދަކީ މަރާލަންޖެހޭ މީހެއް ކަމަށް ބުނެ ވަރަށް ފާޅުގައި ފޭސްބުކް ސްޓޭޓަސްއެއް ޝާޢިއުކޮށްފައިވާކަން ފާހަގަކުރަން. އަދި ރައީސް ނަޝީދަށް ދެވުނު ހަމަލާއާ ގުޅޭގޮތުން ބޭއްވުނު ބަހުސް 17 މެއި 2021ގައި ޓީވީ ޗެނަލަކުން ލައިވްކުރަމުން ދަނިކޮށް ކޮމެންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަންޖެހޭ ތަނެއްކަމަށް ގޮވާލާފައިވާކަންވެސް ފާހަގަކުރަން" މީކާއިލް އަޙްމަދު ނަސީމް ވިދާޅުވިއެވެ.

އެހެންކަމުން، ވަކިވަކި ފަރުދުންނާމެދު ނަފުރަތު އުފައްދާ ހަރުކަށި ފިކުރު ފެތުރުމާއި ލޭއޮހޮރުވުމަށް ގޮވާލުން އާންމުވެފައި ވާތީ، މިފަދަ އަމަލުތަކުގެ ވާހަކަދައްކާ އަދި އަމަލުތަކަށް އަރައިގަންނަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް މެމްބަރު މީކާއިލް އަޙްމަދު ނަސީމްވަނީ ގޮވާލައްވައިފައެވެ.

އަދި މިމައްސަލައި ވާހަކަދެއްވި މެންބަރުންވަނީ މިއީ ސިރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭކަމަށާއި މިއީ އެންމެނެވެސް ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.

މަޖިލިސް ގޮއްވާލަޖެހޭކަމަށް ބުނި މައްސަލައިގެ ކަންބޮޑުވުން ފާޅުކުރުމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲވަނީ އެގޮތަށް ބުނި މީހާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ޙުއްދަކުރަން ގޮވުން އާންމުވެފައިވާތީ، އެފަދަ މީހުންނާއިމެދު އަވަސް ފިޔަވަޅު އެޅުމަށްގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅާފައިވާއިރު، ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ބިލެއް އެކުލަވާލައި ބަންޑާރަނައިބު، މިހާރުވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައެވެ.