ޚަބަރު

މުޅި ޤައުމު ގިސްލާރޮނީ، މިއީ ކޯވިޑްގެ ބަނަ ވިލާތަކުން ސަލާމަތްވުމަށް އަތްތައް އުފުލަންވީ ވަގުތު


ކޯވިޑް-19ގައި ދިވެހިން މިއަދު ތަޖުރިބާ ކުރަމުންދާ ދުވަސްތަކަކީ، ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ ހިތްދަތި، ދުވަސްތަކެއް ކަމާއިމެދު އެއްވެސް މީހަކު ދެބަސްނުވާނެއެވެ. ކޯވިޑްގެ ބަލި މަޑުކަމުގެ އެންމެ ނުރަކާތެރި ރާޅުގައި ދިވެހިން ދުވަސްތައް ގުނަމުންދާއިރު، ކޮންމެ ދުވަހެއް ނިމިގެންދަނީ ދިވެހި އެތައް އާއިލާއެއް ކަރުނުން ތެންމާލާފައެވެ.

އާއިލާތަކުގެ ލޯބިވާ، މާމައާއި، ކާފައާއި، މަންމައާއި، ބައްޕައާއި، ކޮށްކޮށްއާއި، ބޭބެއާއި، ދައްތައިން އެދަނީ ހިތްދަތި ވޭނުގައި އެތައްދުވަހު އާއިލާއާއި ވަކިން ދުވަސްތަކެއް ހޭދަކުރުމަށްފަހު އުމުރަށް ވަކިވެގެންނެވެ. އެތައް ދުވަހަކު، އެތައް އަހަރަކު އެކީގައި އުފާވެރި ދުވަސްތަކެއް ގުނުމަށްފަހު މިއަދު ވަކިވެގެންމިދާ ކޮންމެ ފުރާނައަކީ އެއިންކޮންމެ އާއިލާއަކަށް ފޫނުބެއްދޭ ވަރުގެ ހިތްދަތިކަމާއި ހިތާމަ ގެނުވާނެ ފުރާނައެކެވެ. ތާއަބަދަށް އަލްވަދާއުކީ ނަމަވެސް އެހަނދާންތަކާއި، އެ އިހުސާސްތައް ދުވަހަކުވެސް ނެތިގެން ނުދާނެއެވެ.

ކޯވިޑްގެ ބަލިމަޑުކަމުގައި ރާއްޖެއަށް ދިމާވެފައިވާ މިހިތްދަތި ވަގުތުގައި ދިވެހިންގެ އިސްލާމީ ވަހުދަތު ކުރިއަށްނެރެ، މާތްﷲއަށް ދުޢާ ދެންނެވުމަށް ޚާއްސަ އިސްކަމެއް ދޭންޖެހެއެވެ. ބަލި މަޑުކަމުގެ ހާލަތްތަކުގައާއި، އުފާވެރި ހާލަތްތަކުގައިވެސް އެކަލާނގެ ހަނދުމަކޮށް ދުޢާ ދެންނެވުމަކީ އެކަމެއްގައި ބަރަކާތާއި ދަރުމަހުރި ކަމެކެވެ. ކޯވިޑްގެ މިބަލިމަޑުކަމުން ސަލާމަތްވުމަށް ދިވެހިންނަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީވެސް އެއްކައުވަންތަﷲއަށް ދުޢާކޮށް އެކަލާނގެ މަދަދަށް އެދުމެވެ. ހަމަ ކަށަވަރުން އެކަލާނގެއީ ދުޢާ އިޖާބަކުރައްވާ ރަސްކަލާންގެއެވެ.

ކޯވިޑުގެ ނުރައްކާތެރި ބަލިމަޑުކަމަކީ އާދައިގެ ބަލިމަޑުކަމެއް ނޫންކަން އެބަލި ތަޖުރިބާކުރި ގިނަ މީހުންނަށް ވަނީ އހުސާސް ކުރެވިފައެވެ. އާދަޔާއި ޚިލާފަށް ގަދަ ހުމެއް އައުމާއި، ގައިގައި ރިއްސުމާއި، ބޮލުގައި ރިއްސުމުގެ އިތުރުން މީހާގެ މުޅި ހަށިގަނޑު ބަލިކަށި ކޮށްލާ މިނުރައްކާތެރި ވައިރަހަކީ މިއަދު އެއާއިމެދު ނުހަނު ފަރުވާތެރިވާންޖެހޭ ވައިރަހެކެވެ. ރާއްޖެއަކީ ޞިއްޚީ ވަސީލަތްމަދު، ޞިއްޚީ ފަރުވާދޭ އަތްތައް މަދު ޤައުމަކަށްވާއިރު، އެއްފަހަރާ ޤައުމުގެ ގިނަ ރައްޔިތުން ބަލިވުމަކީ އެކަމުގެ ހިތްދަތި އިހުސާސް ކުރަންޖެހޭ ކަމެއްކަން މިއަދު މިދަނީ އިހުސާސް ކުރެވެމުންނެވެ.

ދުނިޔޭގެ އެންމެ ވަސީލަތްގިނަ، އެންމެ ފުދުންތެރި ޤައުމުތަކުގައިވެސް މިނުރައްކާތެރި ބައްޔާއި ދެކޮޅަށް ކުރެވޭނެ އެއްވެސް ކަމެއްނެތި، ފަރުވާ ހުސްވެ، ގޮތްހުސްވެގެން އެތައްބަޔަކު މަރުވެގެން ދިޔަ މަންޒަރު އިއްޔެ މެންދުރާއި ހަމައަށްވެސް ދިވެހި ރައްޔިތުންނަށް ދިޔައީ ޓީވީތަކުން ފެންނަމުންނެވެ. މިހާލަތުގައި ދިވެހި ޑޮކްޓަރުންނާއި، ނަރުހުންނާއި، ޞިއްޚީ ހިދުމަތްތެރިން ޤައުމަށްޓަކައި ވަމުންދާ ޤުރުބާނީއަކީ އެމަސައްކަތުގެ އަގު ދުވަހަކުވެސް އަދާކުރެވޭ ވަރަށްވުރެ މާމަތީ ގުރުބާނީއެެވެ.

އަމިއްލަ އާއިލާއާއި، ލޯބިވާ ތުއްތު ދަރިން ލޮލަށް ނުފެނި އެތައް ދުވަހަކު ބަލިމީހުންނަށް ފަރުވާދިނުމުގައި އެދައްކާ ހިތްވަރަކީ އާދަޔާއި ޚިލާފް ހިތްވަރެކެވެ. އަމިއްލަ އަތްމައްޗަށް ކޮންމެ ދުވަހަކުވެސް އެތައް ދިވެއްސެއް މަރުވެގެންދާތަން އެންމެ ގާތުން ފެންނަނީ އެ ޚިދުމަތްތެރިންނަށެވެ. މިއީ ދިވެހި ރައްޔިތުންގެ ފުރާނައިގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރަމުންދާ އެއްވެސް ޞިއްޚީ ޚިދުމަތްތެރިއަކު ދެކެންބޭނުންވާނެ މަންޒަރެއް ނޫނެވެ. އެބޭފުޅުންނަކީވެސް މިޤައުމުގެ ލޭހިނގާ މިގައުމުގެ ދަރީންތަކަކަށްވާއިރު، މިޤައުމުގެ އެއްވެސް މީހެއްގެ ފުރާނަ ވަކިވުމާއިހަމައަށްވެސް އެމީހުންނަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާ ފަހުވަގުތާހަމައަށް ގިސްލަމުންވެސް ދެމުންދާކަމީ ޞިއްޚީ ޚިދުމަތްތެރިންނަށްޓަކައި ފަހުރުވެރިވާންޖެހޭ ކަމެކެވެ.

މިއީ އާއިލާތަކުގެ ލޯތްބާއި ކުލުނު، ވަރުގަދަކޮށް، ﷲގެ ހަޒުރަތުގައި ދުޢާތައް ގިނަކޮށް، ޒިކުރުތައް ގިނަކުރަންވީ ވަގުތެވެ. މިހާލަތުގައި ކޮންމެ މީހަކުވެސް އިސްކުރަންވީ ތިމާގެ ލޯބިވާ މީހުންނާއި، އާއިލާއާއި، މުޖުތަމައުގެ ރައްކާތެރިކަމެވެ. އިސްކުރަންވީ އިސްލާމްދީނުގައި މިފަދަ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތެވެ. ކެތްތެރިކަމާއި، ލޯތްބާއި، އަޅާލުން އިސްކޮށް، ކުރިއަށް ދިއުމަކީ މިހާލަތުގައި އެންމެ ބުއްދިވެރި ގޮތެވެ.